22 Aug 2021, 12:03
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިލްމީ ދިރާސާތަށް ހުށައަޅަން ބާއްވާ ހަތަރުވަނަ ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ މާދަމާ ފަށަން ނިންމައިފިއެވެ.
މި މަހާސިންތާ މިއަހަރު ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. މާދަމާ އަދި މާދަމާ ނޫން އަނެއް ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާ ހުޅުވުމުގެ ރަސްމިއަޔާތު ބާއްވަން ހަމަޖެހިފައިވަނީ އެމްއެންޔޫގެ އޮޑިޓޯރިއަމްގައެވެ.
މަހާސިންތާ މިއަހަރު ހާއްސަވެގެން ދާނީ ކޮވިޑް-19 އަދި މިނޫންވެސް މިފަދަ ކާރިސާތަކުގައި އަދި ކާރިސާއަށް ފަހު ވެސް އެކި އެކި ދާއިރާތަކުން ކުރާ އަދި ކުރަމުންދާ މަސައްކަތުގެ މައްޗަށް ކުރެވޭ ދިރާސާތަކަށެވެ. މަހާސިންތާ އަކީ އެކި ޑިސިޕްލިންތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަަށް ދުނިޔޭގެ އެކި ގައުމުތަކުގެ އިލްމުވެރިން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ.
މި ކޮންފަރަންސްގެ އެންމެ މުހިންމު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ އިލްމު އުފައްދާ، އިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށްވުމެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތަށްކުރުމާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓާ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ. މަހާސިންތާ އަކީ ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސަގައި ރާއްޖޭއިން ބޭރުގެ ޔުނިވާސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު އިލްމީ ދިރާސާތައް ހައްދަވާ ޕޮރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ގައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން އިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތައް މިކޮންފަރަންސްގައި ކުރިއަށްދާ އެކި ސެޝަންސްތަކުގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިކޮންފަރެންސްގެ ކީ ނޯޓު ސްޕީކަރުންގެ ގޮތުގައި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ތެރޭގައި މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސް ޔުނިވާސިޓީ (ޔޫއޭއީ)ގެ ޕްރޮފެސަރު ޙުސައިން ޝަރީފް އާއި، ފްލޮރިޑާގެ ނޯވާ އީސްޓަން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ސަންޑްރާ ޓްރޮޓްމަން، އޮސްޓްރޭލިއާގެ އީޑިތު ކޯވަން ޔުނިވާސިޓީގެ ޑރ. އަހުމަދު އިބްރާހީމް ހިމެނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކުންފުނިތަކުން ހަރަކާތްތެރިވާނެއެވެ. އަދި މިނިސްޓްރީތަކުންނާއި މަތީ ތައުލީމު ދޭ މަރުކަޒުތަކާއި އެކީ ޖުމްލަ 400 ބައިވެރިން ހަރަކާތްތެރިވާނެއެވެ. އަދި މި ކޮންފަރެންސް ގައި 60އަށް ވުރެ ގިން ދިރާސީ ކަރުދާސް ހުށަހަޅާނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ދިރާސާކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ފަންނީ އިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވާސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވާސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު އިލްމީ ދިރާސާތަކުގެ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ކޮންފަރެންސަކަށްވެގެންދާނެއެވެ.