ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓް ރާއްޖެ ގެނެސްފިއެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިއަދު ހެނދުނު ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކުންނެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންއަކީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ. ހަދިޔާކޮށްފައި ވަނީ ވެކްސިންގެ ޖުމްލަ 112،000 ޑޯޒްއެވެ.

އެ ވެކްސިން ހަދިޔާކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ފޮރިން މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަލްފާގައި ވާހަކަދައްކަވަމުން އެމްބެސަޑަރު ޔަނާއީ ވަނީ މިއީ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ދޭ އެހީއެއްކަމަށެވެ.

އަދި ރާއްޖެއިން ޖަޕާނާއެކު ބާއްވާ ގާތްގުޅުމަށްވެސް ޔަނާއީ ވަނީ ޝުކުރުދަންނަވާފައެވެ.

"ޖަޕާނުން އަބަދުވެސް ރާއްޖެއާއެކު އޮންނާނެކަމުގެ ޔަގީންކަން އަރުވަން،" ޔަނާއީ ވިދާޅުވިއެވެ.

ހަމައެއާއެކު ހެލްތު މިނިސްޓަރު ނަސީމްވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވައި ޖަޕާނުގެ ފަރާތުން ލިބުނު އެހީއަށް ޝުކުރުދަންނަވާފައެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ.

ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާފައިވަނީ އެ 10 ގައުމުގެ މެދުގައެވެ.