ކުރިއަށް އޮތް ދެ ހަފްތާތެރޭ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެ ގޮތެއް ހަމަޖައްސާނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމަށް ހުޅުމާލޭ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލޭ މަސްވެރިންނާއި ފަރުމަސްވެރިންވެސް ހިމަނައިގެން މަސްވިއްކޭ ގޮތަށް މަސް މަރުކޭޓެއް އިމާރާތްކުރުމަށް ކައުންސިލް ޖަލްސާއަށް އެޖެންޑާކުރައްވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުމާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންވެސް ބައިވެރިވެވަޑައިގަތެވެ.

ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ގަލޮޅު އަވަށުގެ ބައްދަލުވުމުންނެވެ. އެއަށް ފަހު ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ބައްދަލުވުން ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމާބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅީ މާލެ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.