22 Aug 2021, 08:19
އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުން 5-0 މޮޅުވެ ލީގުގެ ފުރަތަމަ މޮޅު އެޓީމުން ހޯދައިފިއެވެ.
މެޗުގައި ސިޓީގެ ރެކޯޑް ޓްރާންސްފާ ޖެކް ގްރީލިޝް ވަނީ ލަނޑު ޖަހާފައެވެ. އެސްޓަން ވިލާއިން، ސިޓީއަށް ގްރީލިޝް ބަދަލުވީ 100 މިލިއަން ޕައުންޑުގެ އަގަކަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ހަތް ވަނަ މިނިޓުގައެވެ. މިލަނޑަކީ ނޯވިޗުގެ ކީޕަރު ޓިމް ކުރޫލް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.
ސިޓީއިން ލީޑު ނެގިތާ 10 މިނިޓު ފަހުން އިތުރު ލަނޑެއް އެޓީމުން ޖެހިއެވެ. ނަމަވެސް އެ ލަނޑު ޖަހަން އުޅުމުގެ ތެރޭގައި ސިޓީގެ ކުޅުންތެރިއަކު ވަނީ ނޯވިޗް ކުޅުންތެރިއަކަށް ފައުލްކޮށްފައެވެ. ވީއޭއާރުން ބެލުމަށްފަހު ވަނީ ނޯވިޗުގެ ކުޅުންތެރިޔާއަށް ސިޓީއިން ފައުލު ކުރިކަމަށް ރެފްރީ ވަނީ ނިންމާފައެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ސިޓީއިން ދެވަނަ ލަނޑު ޖެހިއެވެ. މިލަނޑު ޖެހީ އިނގިރޭސި ރެކޯޑް ޓްރާންސްފާ ކަމުގައިވާ ޖެކް ގްރީލިޝްއެވެ.
ގްރީލިޝް މިލަނޑު ޖެހީ ބްރެޒިލް ފޯވާޑް ގެބްރިއަލް ނަގައިދިން ހުރަހަކުންނެވެ.
ދެވަނަ ހާފުގެ 64 ވަނަ މިނިޓުގައި ސިޓީއަށް ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު އައިމަރިކް ލަޕޯޓްއެވެ. އޭގެ ފަހުން 71 ވަނަ މިނިޓުގައި ރަހީމް ސްޓާލިން މެޗުގެ ނަތީޖާ 4-0 ބަދަލުކޮށްލިއެވެ.
މެޗުގެ 84 ވަނަ މިނިޓުގައި ސިޓީގެ ފަސް ވަނަ ގޯލު ޖެހީ އަލްޖީރިއާގެ ރިޔާދް މަހްރޭޒްއެވެ. އެ މޮޅާއެކު ސިޓީ ވަނީ ލީގުގެ ފުރަތަމަ ތިން ޕޮއިންޓު ހޯދާފައެވެ. ލީގުގެ ފުރަތަމަ މެޗުން ސިޓީި ވަނީ ޓޮޓެންހަމް އަތުން 1-0 ބަލިވެފައެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ބްރައިޓަން ހޯވް އަލްބިއަން އަދި ވޮޓްފޯޑްއެވެ.
މިމެޗު 2-0 ކާމިޔާބުކުރީ ބްރައިޓަންއެވެ. މިމެޗުގައި ބްރައިޓަންގެ ލަނޑުތައް ޖެހީ ޝޭން ޑަފީ އާ ނީލް މައުޕޭއެވެ. ބްރައިޓަންއިން ވަނީ ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.