22 Aug 2021, 08:15
ޑިއޯގޯ ޔޯޓާއާ ސާޑިއޯ މާނޭގެ ޖަހައިދިން ލަނޑުތަކާއެކު ބާންލީގެ މައްޗަށް 2-0 ލިވަޕޫލް ކުރި ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ޒުވާން މިޑްފިލްޑަރު ހާވީ އެލިއޮޓްއަށް ފުރުސަތު ދީފައެވެ.
މެޗުގެ 18 ވަނަ މިނިޓުގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ ޔޮޓާއެވެ. އަރިމަތިން ފުލް ބެކް ސިމިކަސް ނަގައިދިން ހުރަސް ޔޮޓާ ގޯލުގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.
މެޗުގެ 27 ވަނަ މިނިޓުގައި މުހައްމަދު ސަލާހު އިތުރު ލަނޑެއް ޖެހިއެވެ. ނަމަވެސް އޭނާ މި ލަނޑު ޖެހިއިރު ހުރީ އޮފްސައިޑުގައެވެ.
ލިވަޕޫލްއިން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 69 ވަނަ މިނިޓުގައެވެ. އެލެކްސްޒެންޑާ އާނޯލްޑް ބާންލީގެ ދެ ޑިފެންޑަރުން ދޭތެރެއަށް ވައްޓާލި ބޯޅަ މާނޭ ވަނީ އެއްފަހަރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފައެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކައް ބަލާއިރު އެސްޓަން ވިލާ ވަނީ ނިއުކާސަލްގެ މައްޗަށް 2-0 ކުރި ހޯދާފައެވެ.
ކްރިސްޓަލް ޕެލެސްއާ ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމުނު އިރު ލީޑްސް އަދި އެވަޓަން މެޗު ނިމުނީ 2-2 އެއްވަރުވެގެންނެވެ.
ލިވަޕޫލް މިރޭގެ މެޗުން ހޯދި މޮޅާއެކު އެޓީމުން ވަނީ ދެމެޗު ކުޅެ ހަ ޕޮއިންޓާ ފައިދާ ފަސް ގޯލު ހަމަކޮށްފައެވެ.