ރައީސުޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން މިހާރު ކުރާ ސިލްސިލާ މުޒާހަރާގެ ފުރަތަމަ ރޭ ވާހަކަ ދެއްކި ވިލާ އިންޓަނޭޝަނަލް ހައިސުކޫލްގެ ކެޕްޓަން، މީކާއިލް އަހްމަދު ނަސީމު އެ ސުކޫލުގެ ކެޕްޓަން މަގާމުންނާއި ޕްރިފެކްޓް ބޯޑުން ވަކިކޮށް އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ނަމަވެސް ސަސްޕެންޑްކުރީ ކިހާ ދުވަހަކަށް ކަމެއް އެ ސުކޫލަކުން ނުބުނެ އެވެ.

މީކާއީލްގެ މައްސަލައިގައި އެ ސްކޫލުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ މީކާއީލް މުޒާހަރާގައި ވާހަކަދެއްކުމަކީ ކިޔަވާކުދިންގެ އާއްމު ގަވާއިދާ ހިލާފު އަމަލެއް ކަމަށާއި މީކާއީލްގެ މައްޗަށް ސުކޫލުން ފިޔަވަޅު އެޅީ އިއްޔެ ބޭއްވި ސްކޫލް ބޯޑުންވެސް އެގޮތައް ލަފާދީފައިވާތީ ކަމަށެވެ.

މީކާއީލް އެމްޑީޕީގެ ޕޯޑިއަމްގައި ހުރެ އެ ސުކޫލްގެ ޗެއާމަން ގާސިމް އިބްރާހިމްއަށް ވަރަށް ބޮޑަށް ފާޑުކިޔާ ވިލާ ހައި ސްކޫލްގެ ދަރިވަރުންގެ ޝުއޫރަކީ އެއީ ކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފަ އެވެ. އެއަށްފަހު މީކާއީލް ސްކޫލުން އެންގުމުންވެސް ވަނީ ހާޒިރުނުވެފައި ކަމަށް ސުކޫލުންބުންޏެވެ. އަދި ބެލެނިވެރިންވެސް ހާޒިރުވެފައެއްނުވެ އެވެ. އެއަަށް ފަހު މި މަހުގެ 20 ދުވަހުގެރޭވެސް އޭނާވަނީ އެ އަމަލު ތަކުރާރުކޮށްފަ އެވެ.

މީކާއިލް ސަސްޕެންޑް ކުރި މައްސަލައިގެ އިތުރު މައުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދޭނީ ޕްރިންސިޕަލް ކަމައްވެސް އެ ބަޔާނުގައިބުނެ އެވެ.

ސްކޫލު ދަރިވަރުންގެ އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން ސްކޫލު ކުދިން މުޒާހަރާކޮށް ހަޅުތާލު ހަދައި އެފަދަ ކަންތައްތަކުގައި ބައިވެރިވުމަކީ މަނާ ކަމެއްކަމުގައި ބުނެފައިވާ އިރު އެއްވެސް ސިޔާސީ ޕާޓީއެއްގައި އާއި ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް ސްކޫލު ކުދިންނަށް މަނާ ކަމެކެވެ.