އޭއެފްސީ ކަޕުގެ ގުރޫޕު ސްޓޭޖުގެ ހަތަރުވަނަ މެޗުގައި މިރޭ މާޒިޔާ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައި މޯހަން ބަގާން ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

މާޒިޔާގެ މައްޗަށް މޯހަން ބަގާން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މާޒިޔާ ބަލިވިއިރު އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގުރޫޕުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ މޯހަން ބަގާން އަދި ބަޝުންދަރައަށެވެ. ބަޝުންދަރަ ދެވަނަ ބުރުގެ ފުރުސަތު ހޯދުމަށް ފަހު މެޗުގައި މޯހަން ބަގާން އަތުން މޮޅުވާން ޖެހެއެވެ. ނަމަވެސް މޯހަން ބަގާންއަށް ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން ދެވަނަ ބުރަށް ދެވޭނެއެވެ.

ގުރޫޕުގެ އެއްވަނައިގައި މޯހަން ބަގާން އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެވަނަ މަގާމުގައި ބަޝުންދަރަ ހަތަރު ޕޮއިންޓާއެކު އޮތްއިރު ތިން ވަނައިގައި ބެންގަލޫރު އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ. ތާވަލުގެ ފުލުގައި އޮތް މާޒިޔާއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

މީގެ ކުރިން މިދެޓީމު ހަތަރު ފަހަރު އޭއެފްސީ ކަޕުގައި ވާދަކޮށްފައިވެއެވެ. އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ކުރި ހޯދާފައި ވަނީ މާޒިޔާއެވެ.

ބެންގަލޫރު މެޗު 2-0 ކާމިޔާބުުކުރުމުގެ ކުރިން ކުޅުނު 12 މެޗުގައިވެސް އޭޓީކޭ މޯހަން ބަގާންކޮޅަށް ވަނީ ގޯލު ވަދެފައެވެ. ނަމަވެސް އެންޓޯނިއޯ ހާބަސްގެ އިރުޝާދުގެ ދަށުން މޯހަން ބަގާން އަންނަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކަމުންނެވެ.

މެޗުގެ ފަސް ވަނަ މިނިޓުގައި މޯހަން ބަގާންއިން ގޯލެއް ޖެހިއެވެ. ނަމަވެސް ރޯއީ ކްރިޝްނާ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ އޮފްސައިޑުގައި ހުރެފައެވެ.

މެޗުގެ ހަވަނަ މިނިޓުގައި މާޒިޔާގެ ފޯވާޑް ސްޓްވާޓް ކޯނެލިއަސް (ކޯނޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

ކެޕްޝަން.. މާޒިޔާގެ ކެޕްޓަން އިރުފާން ކާރިން ބޯޅަ ހިފައިގެން ވަނުމަށް މޯހަން ބަގާންގެ ލިސްޓަން މަސައްކަތް ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗުގެ ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިންނެވެ. 25 ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މިޑްފިލްޑަރު އައިސަމް އިބްރާހިމްއެވެ. ކައުންޓާ އެޓޭކުގައި ކޯނޭ ހިފައިގެން ވަދެ މޯހަން ބަގާން ކުޅުންތެރިއެއް ކާރިން ނައްޓާލުމަށްފަހު ތިރި ތިރިން ހުރަސްކޮށްލި ބޯޅަ އައިސަމް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މޯހަން ބަގާންއިން ނަތީޖާ އެއްވަރުކުރިއެވެ. އަރިމަތިން ނަގައިދިން ހުރަހަކުން ލިސްޓަން ކޮލަކޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

މެޗުގެ 63 ވަނަ މިނިޓުގައި މޯހަން ބަގާންއިން މެޗުގެ ނަތީޖާ 2-1 ބަދަލުކޮށްލިއެވެ. މިލަނޑު އެޓީމާށް ޖަހައިދިނީ ރޯއީ ކްރިޝްނާއެވެ. ހޫޖޯ ބޮމޯސް ތަނަވަސް ކުރި ފުރުސަތަކުން މާޒިޔާ ކުޅުންތެރިންނަށް ސާފުކޮށް ނުލެވުނު ބޯޅަ ލިބުނީ މާޒިޔާ އޭރިއާ ރޮނގު މަތީގައި ހުރި ކްރިޝްނާއަށެވެ. ކްރިޝްނާ ވަނީ މާޒިޔާ ކީޕަރު މިރްޒޯ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް އޮއްސާލާފައެވެ.

މެޗުގެ 65 ވަނަ މިނިޓުގައި މާޒިޔާގެ ފޯވާޑް ކޯނޭ ބާރު ހަމަލާއެއް ފޮނުވާލިއެވެ. އެހަމަލާ އަމާޒުވީ މޯހަން ބަގާން ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 77 ވަނަ މިނިޓުގައި މޯހަން ބަގާންއިން އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 3-1 ފުޅާކޮށްލިއެވެ. މެދުތެރެއިން ހޫގޯ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ވަދެ މަންވީރު ސިންގު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ.