21 Aug 2021, 21:38
ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ގެންދިއުމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
"ސަން" އާ ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ، ޓޫރިޒަމް ޑައިވަސިފިކޭޝަން ޕްރޮޖެކްޓަކީ މިނިސްޓްރީގައި ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މި ދަތުރުފުޅުގައި ހއ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. އަތޮޅުގެ ބައެއް ރައްތަކަށް ދަތުރުފުޅު ކުރައްވާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
ރެއާހަމައަށް، އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވާފައި ވެއެވެ.
ދާއިރާތަކުގެ މެމްބަރުންނާއި އަތޮޅު ކައުންސިލަރުވެސް ބައިވެރިވެ ވަޑައިގަންނަވާ މި ދަތުރުފުޅުގައި އަތޮޅު ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވާކަމަށް މިނސިްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓާގެ މަގްސަދަކީ "ފަތުރުވެރިކަމުގެ ވެރިންނަށް" ދިވެހީން ހެދުމެވެ. އަދި ފަރުތުވެރިކަމުގެ ދާއިރާގައި އަންހެނުން އިސް ދައުރެއް އަދާކުރުމެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ވަޒީފާއެއް އަދާ ނުކުރިކަމުގައި ވިޔަސް އަންހެނުންނަށް ފަތުރުވެރިކަމުގައި ބައިވެރި ވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ވިޔަފާރި ކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ރައްތަކެއްގެ ރައްޔިތުންނަށް ފަތުރުވެރިކަމުން ސީދާ މަންފާ ލިބޭނެ ފަދަ ގޮތަކަށް ޓޫރިޒަމް ފުޅާކުރަން ބޭނުންވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރުމުގެ މައްސައްކަތުގެ ދަށުން، އާ ކައުންސިލަރުން ހުވާކުރެއްވިތާ ދެވަނައަށް ވީ ދުވަހު މިނިސްޓަރު މައުސޫމް ވަނީ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާ ބައްދަލު ކުރައްވާފައެވެ.
"އެނގިވަޑައިގަންނަވާނެ ވޯލްޑް ޓޫރިޒަމް ޑޭ އަންނާނީ ސެޕްޓެމްބަރު މަހުގައި. ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަޅުގަނޑުމެން ވޯލްޑް ޓޫރިޒަމް ޑޭ އަށް އެބަ ހުސްވަން. ދިވެހިރާއްޖޭގެ ޓޫރިޒަމް ދުވަސް އަންނާނީ އޮކްޓޯބަރު ތިނެއްގަ. އެހެންވީމަ އެކަމަށް ވެސް ދުވަސްކޮޅެއް ނަގާނެ. ސެޕްޓެމްބަރު މަހުގެ 15އާ އޮކްޓޯބަރު މަހުގެ 10އަކާ ދޭތެރޭ އަޅުގަނޑުމެން ދަތުރުތައް މެދުކަނޑާލާނަން. ދެން ހަމަ އަޅުގަނޑުމެން ދަތުރުތައް ކޮންޓިނިއު ކުރަމުން ގެންދާނަން،" ދަތުރުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވިއެވެ.
މިހާރުގެ ދަތުރުފުޅު ތަކުގައި ދުވާލެއްގެ މައްޗަށް ހަތަރު ރަށަށް ޓޫރިޒަމް މިނިސްޓްރީގެ ވަފުދު ޒިޔާރަތް ކުރައްވައެވެ.