ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓް މާދަމާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އެސްޓްރާޒެނެކާ ވެކްސިންގެ މި ޝިޕްމަންޓް ހަވާލުކުރުން އޮންނާނީ މާދަމާ 11:15 ގައި ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިންގައެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ހެލްތް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނަމަވެސް މާދަމާ ރާއްޖެ ގެންނަ ވެކްސިންއާ ބެހޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ އެ 10 ގައުމުގެ މެދުގައެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އެސްޓްރާޒެނެކާ ވެކްސިނެވެ. އެހެންނަމަވެސް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ.