ޔޫކޭގެ ރެޑްލިސްޓްގައި މިހާރު ރާއްޖޭގެ ނަން އޮންނަންވީ ސަބަބެއް ނެތް ކަމަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖޭގެ ނަން އޮތީ ހަދަން ޖެހޭ ޓެސްޓުތަކެއްގެ ނަތީޖާ ފޮނުވުމުގައި ދިމާވި މައްސައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ވަނީ މީގެކުރިން ބުނެފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ފަރަހަނާޒް ވިދާޅުވީ ދުވާލެއްގެ މައްޗަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ ރޭޓް ވަރަށް މަތި ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ޔޫކޭގެ ރެޑް ލިސްޓްގައި ރާއްޖެ ހިމަނާފައި ވަނީ މެއިމަހުގެ ކުރީކޮޅުގައެވެ.

އެ ގައުމެއްގައި އުޅޭ ވޭރިއަންޓެއް ދެނެގަތުމަށް ހަދާ ޓެސްޓަކީ ޖިނޯމިކް ސީކުއެންސިންއެވެ.

އެ ގައުމުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބޭނުންވާ ޑާޓާ، ވެބްސައިޓްގައި އަޕްޑޭޓް ކޮށްފައިވާތީ ރެޑްލިސްޓުގައި ރާއްޖެ އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފައި ވަނީވެސް މި ހަފްތާގެ ތެރޭގައެވެ.

އަބޫދާބީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން ދާ މީހުން ކަރަންޓީނުވާން ނުޖެހެއެވެ.

އެހެންކަމުން އެގައުމުތަކުން އަބޫދާބީއަށްދާ، ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންވެސް ހަތް ދުވަހަށް ކަަރަންޓީނުވާން ޖެހޭނެއެވެ. އަދި އެގައުމަށް ދިޔުމަށް ފަހުގަ އާއި ކަރަންޓީނުގެ މުއްދަތު ނިމުމުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ.