22 Feb 2012, 16:11
ސަން އެފްއެމް މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރަން ހުއްދަ ދިނުމަށް ނިންމައި ވީ ޓީވީ އާއި ދި ޓީވީން ބޭނުން ކުރަން ނިންމާފައިވާ އާ ޓެކޮނޮލޮޖީގެ މައުލޫމާތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ]އެމްބީސީ[ އަށް ހުށައެޅުމަށް އެ ފަރާތްތަކަށް އެންގުމަށް އެމްބީސީން މިއަދު ނިންމައިފި އެވެ.
އެމްބީސީގެ ރައީސް ބަދުރުއް ނަސީރު މިއަދު ވިދާޅުވީ ސަން އެފްއެމަށް މުޅި ރާއްޖެ އަށް ބުރޯޑްކާސްޓުކުރުމުގެ ހުއްދަ ދިނުމަށް ބޯޑުން ނިންމި ކަމުގެ ލިޔުން އެ ސްޓޭޝަން ފޮނުވާފައިވާ ކަމަށެވެ.
ބަދުރު ވިދާޅުވީ ވީ ޓީވީ އާއި ދި ޓިވީން ވެސް އެދިފައި ވަނީ އާ ޓެކޮނޮލޮޖީއެއް ބޭނުންކޮށްގެން ޓީވީގެ ހިދުމަތް ފުޅާކުރާ ވާހަކަ ކަމަށާއި އެއީ ކޮން ޓެކޮނޮލްޖީއެއް ކަން އެގެން ނެތުމުން އޭގެ ތަފްސީލުތައް ދެއްވުމަށް ވީ ޓީވީއާއި ދި ޓިވީ އަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ހެނދުނު ބޯޑުގައި މަޝްވަރާ ކުރުމަށް ފަހު ކޮށްދެވެން ހުރި ހުރިހާ ކަންތައްތަކެއް ވެސް ކޮށްދެން ނިންމާފައި ވާނީ. ސަންއެފް އެމް މުޅިރާއްޖެ އަށް ބްރޯޑްކާސްޓު ކުރުމުގެ ހިދުމަތް ދިނުމަށް ނިންމައި އެ ސިޓީ މިހާރު ހީވަނީ އެ ސްޓޭޝަނަށް ފޮނުވާފައި ވާނެހެން. ދި ޓީވީ އާއި ވީޓީވީ އާ ޓެކޮނޮލްޖީއެއް ބޭނުންކުރާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނެ އަދި އެބެލުމަށް ފަހު ނޫންތޯ ހުއްދަދެވޭނީ،" ބަދުރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުގެ ފަރާތުން ބްރޯޑް ކާސްޓްކުރާ ފަރާތްތައް ބޭނުންވާ ކަންތައް ގާނޫނާއި ގަވާއިދު ތަންދޭ އެންމެ ބޮޑަކަށް ހުރިހާ ފަރާތްތަކަށް ވެސް އެއް އުސޫލުން ކަންތައް ކޮށްދޭނެ ކަމަށެވެ.
ސަން އެފްއެމްގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާލެ އާއި އަތޮޅު ތެރެއަށް ވީ ޓީވީ އާއި ދި ޓިވީގެ ހިދުމަތް ފޯރުކޮށްދެއްވުމުގެ ހުއްދައަށް އެދި އެމްބީސީ އަށް އެ ތިން ސްޓޭޝަނުން އިއްޔެ ވަނީ ހުށައަޅާފަ އެވެ.
ވީ ޓީވީ އާއި ދި ޓިވީ އާއި އަދި ސަން މީޑިއާ ގުރޫޕުން ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އޮޕަރޭޓްކުރާ މީޑިއާ ރިންގަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ މުޅި ރާއްޖެ އަށް ފުޅާކޮށްދީފައި ވާތީ، އެ ފަރާތްތަކުން ވެސް މީޑިޔާ ކަވަރޭޖް މުޅި ރާއްޖޭގައި އެންމެ ފުރިހަމަ ގޮތުގައި ދޭން ބޭނުން ވާތީ އެކަންކަން ކޮށްދިނުމަށް އެމްބީސީގައި އެދުނީ ކަމަށެވެ.
މީގެ އިތުރަށް މިއަދު ވަނީ ދިއެފްއެމް ހިންގާ މޯލްޑިވްސް މީޑިޔާ ކޮމްޕެނީން ޓިވީ ޗެނަލެއް ހިންގުމުގެ ލައިސަންސް ހޯދުމަށް އެދި އެމްބީސީ އަށް ސިޓީއެއް ފޮނުވާފައިފަ އެވެ.
ސަން އެފްއެމް ރޭޑިއޯ ސްޓޭޝަނަށް، މުޅި ރާއްޖެ އަށް ބްރޯޑްކާސިޓިން ލައިސަންސް ދިނުމަށް ނިންމައި ވީޓީވީ އާއި ދި ޓީވީގެ ހިދުމަތް ފުޅާކުރުމަށް ބޭނުން ކުރާ "ޒަމާނީ ޓެކްނޮލަޖީ" އަކީ ކޮބައިތޯ ސާފު ކުރުމަށް އެމްބީސީ އިން ހުށަހަޅާފައި މި ވަނީ، ސަން އާއި ދި ޓީވީ އާއި ވީ ޓީވީ އަށް، މުޅިރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭ) އިން ގޮވާލާފައި ވަނިކޮށެވެ.