21 Aug 2021, 16:53
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް ގޮސް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ބަންދުން ދޫކޮށްލައިފައިވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެރެނެރަލްގެ(ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެންނެވެ.
އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި، ބިރު ދެއްކުމުގެ ތުހުމަތާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.
މުލީއާގެ ކައިރިއަށްގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިނީ މި މަހުގެ ނުވަ ވަަނަ ދުވަހުއެވެ. އެ މައްސަލައިގައި ފުލުހުން ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ދެ މީހުންނެވެ.
ނަމަވެސް އޭގެތެރެއިން އެކަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނަކަމަށް ބުނެ ފުލުހުން ވަނީ އެކަކު ދޫކޮށްލާފައެވެ.
ފުލުހުން އެމީހާ ހައްޔަރުކުރީ މުލީއާގެ ކައިރިއަށް ގޮސް އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ.
އެމީހުންގެ އަތުގައި އޭރު ދަބަހަކާއި ރަތް ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެއް އޮތެވެ.