21 Aug 2021, 19:51
އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝަރަފް ޣަނީގެ ބޭބޭ ހަޝްމަތު ޣަނީ ތާލިބާނަށް އެއްބާރުލުން ދޭން ނިންމައިފިއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި ކުޗިސްގެ ގްރޭންޑު ކައުންސިލުގެ ޗީފްކަން ކުރައްވާ ހަޝްމަތު ޣަނީ ވަނީ ތާލިބާނަށް ތާއީދު ކުރާކަމަށް އެ ޖަމާއަތުގެ ލީޑަރު ހަލީލުއް ރަހްމާން އަދި ދީނީ އިލްމުވެރިއެއް ކަމަށްވާ މުފްތީ މުހައްމަދު ޒާކިރުގެ ހާޒިރުގައި އެއްބަސްވެފައެވެ.
މިދިޔަ އާދިއްތަ ދުވަހު އަފްގާނިސްތާނުގެ ވެރި ރަށް ކާބުލް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔުމާއެކު އެ ގައުމުގެ ރައީސްކަމުގައި ހުންނެވި އަޝްރަފް ޣަނީ ވަނީ ގައުމުދޫކުރައްވާ ވަޑައިގެންފައެވެ.
އަޝްރަފް މިހާރު ހުންނެވީ އާއިލާއާއެކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ވެރި ރަށް އަބޫ ދާބީގައެވެ.
ތާލިބާނުންނަށް އަފްގާނިސްތާން އެމީހުންގެ ބާރުގެދަށަށް ގެންދެވިފައި މިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް އެމެރިކާގެ ސިފައިންނާ ތާލިބާނުންނާ ދެމެދު ކުރަމުން އައި ހަނގުރާމަ ހުއްޓައި އެމެރިކާގެ ސިފައިން އެނބުރި ދިޔުމުންނެވެ.
އެމެރިކާގެ ސިފައިން ތާލިބާނާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ހުއްޓުމާއެކު އެގައުމުގެ ގިނަ ރައްޔިތުންވެސް އަންނަނީ ގައުމުދޫކޮށް ދިޔުމަށް މަސައްކަތްކުރަމުންނެވެ.