21 Aug 2021, 16:06
ވޮޝިންޓަން (އޮގަސްޓް 21): އަފްޣާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުންގެ އަދަދު ނޭނގޭކަމަށާއި އެކަން ބަލަމުން ގެންދާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން އިން ބުނުމުން އެމެރިކާ ރައްޔިތުންގެ އެތައް ބަޔަކަށް ސިހުން ލިބިއްޖެއެވެ.
ޕެންޓަގަން ގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން ގެނެވެން އޮތްއެންމެ އަވަހަކަށް އަނބުރައި ގެނައުމަށް ކަމަށާ ނަމަވެސް އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް މިހާތަނަށް އަފްޣާނިސްތާނުން ގެނެވުނީ ކިތަށް މީހުންކަމާއި އަދި އަފްޣާނިސްތާނުގައި ބާކީ ތިބި އެމެރިކާ ރައްޔިތުންގެ އަދަދު ނޭނގޭ ކަމަށް ކާބީ ވިދާޅުވިއެވެ. އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތަކުގައި ގެންނަނީ އެމެރިކާ މީހުންނާއި އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން ހިމެނޭގޮތަށްކަން ކާބީ ފާހަގަ ކުރެއްވިއެވެ.

ކާބުލް އެއާޕޯޓުން ފުރަން މަސައްކަތްކުތރާ އެމެރިކާގެ އަސްކަރީ ކާގޯ މަތިންދާ ބޯޓެއްގެ ފަހަތުން އަފްޣާން މީހުން ދުވަނީ
ކާބީ މިހެން ވިދާޅުވުމުން އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހުންގެ އާއިލާތަކަށް ނިސްބަތްވާ އެތަށް މިލިޔަން ބަޔަކަށް ވަނީ ސިހުން ލިބިފައި ކަމަށް އަލްޖަޒީރާ އިން ބުންޏެވެ. އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން އެމެރިކާ ބޭރުކުރަމުން ގެންދަނީ އެގައުމުގައި ތިބި އެމެރިކާ އާންމު ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި އަފްޣާން ރައްޔިތުންނެވެ.
ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި މީހުންނަކީ އެމެރިކާގެ އިސްތިއުމާރީ ހަރަކާތްތަކަށް އެހީތެރިވި ޚާއިނުންގެ ގޮތުގައި ތާލިބާނުން ދެކެއެވެ. އެހެންކަމުން ބަދަލުހިފުމުގެ ހަމަލާތަކެއް ތާލިބާނުންގެ ފަރާތުން ކުރިމަތިވެދާނެކަމުގެ ބިރަށް އެމީހުން ބޭނުންވަނީ އެމެރިކާ މީހުންނާއެކު އަފްޣާނިސްތާނުން ބޭރުވުމަށެވެ. ތާލިބާނުންވަނީ އެއްވެސް ބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފައެވެ. ތާލިބާނުން ކާބުލްއަށް އެރިފަހުން މިހާތަނަށް އެޖަމާއަތުގެ ފަރާތުން އެއްވެސް ބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ އެއްވެސް އަމަލެއް ފެނިފައެއް ނުވެއެވެ.

ކާބުލް އެއާޕޯޓުން ފުރާ އެމެރިކާގެ އަސްކަރީ ކާގޯ މަތިންދާ ބޯޓަކަށް މީހުން އަރައި ފުރިފައި
އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި މީހުންނާއި އެމީހުންގެ އާއިލާތަކުގެ މީހުންގެ ފުރިހަމަ އަދަދު އެމެރިކާ ސަރުކާރުން ހާމަކޮށްފައި ނުވިނަމަވެސް އެމީހުންގެ އަދަދު ލައްކައަކަށްވުރެ މަތީގައި އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހުންނާއި އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން އަފްޣާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް ތާލިބާނުންގެ އަތްދަށަށް ކާބުލް ނުވެއްޓެނީސް އެމެރިކާ ފެށިނަމަވެސް މިކަންދަނީ އެއްވެސް ތަރުތީބެއްނެތި ހަމައެއް ލަމައެއް ނެތިއެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން އެމެރިކާ ގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައިވަނީ މިކަންދަނީ ސިސްޓަމެޓިކްކޮށް ނޫންކަމާއި ހަމަލައެއް ލަމައެއް ނެތި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ތަރުތީބެއްނެތި ހަރުދަނާ ގޮތެއްގައި މިކަން ގެންދެވޭނެ ގޮތެއްނެތްކަމަށްވެސް ބައިޑެން ވިދާޅުވެފައިވެއެވެ.
ނޭޓޯ ބުނާގޮތުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 18،000 މީހުންވަނީ އަފްޣާނިސްތާނުން ބޭރުކުރެވިފައެވެ. މި 18،000 މީހުންގެ ތެރޭގައި ނޭޓޯގެ ގައުމުތަކުގެ އެންބަސީތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނާއި މުވައްޒަފުންނާއި ސިފައިންނާއި ވިޔަފާރިވެރިންނާއި ނޭޓޯއަށް ވާގިވެރިވި އަފްޣާން ރައްޔިތުންނާއި އެމީހުންގެ އާއިލާތަކުގެ މީހުންވެސް ހިމެނޭކަމަށް ނޭޓޯއިން ބުނެފައިވެއެވެ.
ތާލިބާނުންގެ އަތްދަށަށް ކާބުލް ދިޔައީ މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. މިއާއެކު އެމެރިކާއަށާއި ނޭޓޯއަށް ވާގިވެރިވި އަފްޣާން ރައްޔިތުންގެ ގިނަ ބަޔަކުވަނީ ގައުމުން ބޭރުވުމަށްޓަކައި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި މިވަގުތުއޮތް ކާބުލް އެއާޕޯޓަށް ޖަމާވެފައެވެ.
އެމީހުން ގެންދަނީ ކާބުލްއެއާޕޯޓުން ފުރާ އެމެރިކާއާއި ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކަށް ގަދަކަމުން އަރަން މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓެއްގައި އެލިގަނެގެންވެސް އެއިން ފުރުމަށް އޭގެތެރެއިން އެތަށްބަޔަކު މަސައްކަތްކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ބައެއް މީހުން މަރުވެސް ވެފައިވެއެވެ. އަދި އެމީހުން ކޮންޓްރޯލް ކުރުމަށް ކާބުލް އެއާޕޯޓްގައި އެމެރިކާ ހިންގި ބަޑިޖެހުމުގެ އަމަލުތަކުގައި މިހަތަނަށް 12 މީހަކު މަރުވެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.