21 Aug 2021, 15:53
ބުރުޒު މަގަށް ވާގޮތަށް ކަލާފާނު ސްކޫލްގައި ހުރި ގިނަ އަހަރުތަކެއްވީ ރުށްތަކެއް ކަނޑާލައިފިއެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ސަން" އަށް ވިދާޅުވީ މި ރުށްތައް ކެނޑުމުގެ ހުއްދަ ދީފައިވަނީ ސްކޫލުން އެކަމަށް އެދުމުންކަމަށެވެ.

އޯގަސްޓު 21، 2021: ބުރުޒުމަގާ ދިމާއިން ކަލާފާނު ސްކޫލުގައި ހުރި ރުށްތައް ކަނޑާލުން --- ސަން ފޮޓޯ
"އަޅުގަނޑުމެންނަށް ލިބިފައިވަނީ ސްކޫލުން އެކަމަށް އެދި ފޮނުވި ރިކުއެސްޓް. ދެން ހުންނާނެ ކަނޑަންޖެހޭ ރުށްތަކާއި، ނުކަނޑަންޖެހޭ ރުށް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ރުށްތައް އެ ކަނޑަނީ އެއަށްވުރެ ރަނގަޅު އެއްޗެއް އެތާ ހެއްދުމަށްކަމަށް،" ނައީމް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެ ސްކޫލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ރުށްތަކުގެ ސަބަބުން ސްކޫލް ކައިރީ ބުރުޒު މަގުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ގެއްލުންވަމުން އަންނަކަމަށެވެ. އަދި އެކި ފަހަރު މަތިން އެކަމުގެ ޝަކުވާ ސްކޫލަށް ލިބެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޯގަސްޓު 21، 2021: ބުރުޒުމަގާ ދިމާއިން ކަލާފާނު ސްކޫލުގައި ހުރި ރުށްތައް ކަނޑާލުން --- ސަން ފޮޓޯ
"އަޅުގަނޑުމެންގެ ސްކޫލްގެ ތިން ނަމްބަރު ގޭޓު މި ހުންނަނީ ބުރުޒު މަގުގައި. ދެން ދަރިވަރުން ބަލާ ބެލެނިވެރިން ދުރުވެ ތިއްބަވާއިރު ރުށްތަކުން އެއްޗެހި ވެއްޓި ބައެއް ފަރާތްތަކަށް އަނިޔާވެފައިވެސް އެބަހުރޭ،" އޮފިޝަލް ވިދާޅުވިއެވެ.
ހަމައެއާކު ސްކޫލުން މި މަސައްކަތްކުރާއިރު ވެއްޓަށް ލިބޭ ގެއްލުން މަދުކުރުމަށް މަސައްކަތްކުރާނެކަމަށާއި ކަނޑާ ކޮންމެ ރުކަކަށް ސްކޫލްގައި ގަސް އިންދާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ރުށްތައް ކަނޑާލައިފައިވަނީ އެ ސްކޫލްގައި ރުށްތައް ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.