21 Aug 2021, 15:08
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން އަންނަ އަހަރުގެ ޓްރާންސްފާ ލިސްޓުގައި ފްރާންސްގެ ޕީއެސްޖީ ތަރި ކިލިއަން އެމްބާއްޕޭ ހިމަނާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
މިހާރު ހުޅުވިފައި އޮތް ޓްރާންސްފާ މާކެޓު މި މަހުގެ 31 އަށް ހަމަވާ އިރު، ޔުނައިޓެޑުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ބުރޯޝިއާ ޑޮޓްމަންޑަށް ކުޅެމުން އައި ޖޭޑަން ސަންޗޯއާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައެލް ވަރާން ހިމެނެއެވެ. މި ދެކުޅުންތެރިންގެ ޓްރާންސްފާއާ އެކު ކުރި ޚަރަދު ބޮޑުވި ނަމަވެސް މާކެޓް ބަންދުވުމުގެ ކުރިން އަދިވެސް އިތުރު ކުޅުންތެރިއަކު ޔުނައިޓެޑުން ގެންނާނެ ކަމަށް "އީއެސްޕީއެން" އިން ވަނީ ރިޕޯޓްކޮށްފައެވެ.
ޔުނައިޓެޑުން މިވަގުތަށް އެންމެ ބޭނުން ޖެހިފައިވާ ޕޮޒިޝަންތައް ކަމަށްވާ ސެންޓްރަލް މިޑްފީލްޑަރަކާއި ސެންޓާ ފޯވާޑެއް ހޯދުމުގެ މަސައްކަތް އެ ކުލަބުން ކުރަމުން އަންނައިރު، އަންނަ ޓްރާންސްފާގައި އެންމެ މުހިއްމު އިސްކަމެއް ދޭނެ ކުޅުންތެރިއަކީ އެމްބާއްޕޭ ކަމަށް ވެސް އީއެސްޕީއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.
އެމްޕާއްޕޭގެ އެއްބަސްވުން ހަމަވާން ބާކީ އަހަރެއް އޮތް އިރު، އޭނާ ހޯދުމުގެ މަސައްކަތް އެންމެ ހާމަކަން ބޮޑުގޮތެއްގައި ކުރަމުން އަންނަނީ ސްޕެއިނުގެ ރެއާލް މެޑްރިޑެވެ. ރެއާލުން އެމްބާއްޕޭ ގެންދަން މިދިޔަ ދެ ޓްރާންސްފާގައި ވެސް މަސައްކަތް ކުރި އިރު، ބާސެލޯނާއަށް ކުޅެމުން އައި ލިއޮނެލް މެސީ ޕީއެސްޖީއަށް ދިއުމުން އެމްބާއްޕޭ ކުލަބު ބަދަލު ކުރަން މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެމްބާއްޕޭ 180 މިލިއަން ޕައުންޑްގެ އަގަކަށް ޕީއެސްޖީއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕީއެސްޖީއަށް މިހާތަނަށް 174 މެޗު ކުޅެދީ 133 ގޯލު ޖަހައިފައެވެ.