މާލޭ ސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮތް ގޯސްކަމަށް ނިންމައި އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޝުޖާއުގެ މައްޗަށް ދައުވާކޮށްފައިވަނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވައި، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، މާލޭ ޕްލޭނިން ގަވާއިދުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އުސްކޮށް ގެއެއް އިމާރާތްކުރުމަށް ހުއްދަދިން މައްސަލާގައި ޝުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހެވެެ.

އެގޮތުން ކުރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ މާލޭ ޕްލޭނިން ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ ދައުވާކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ދައުވާ ކޮށްފައިވަނީ ގާނޫނު އަސާސީގެ 61 ވަނަ މާއްދާއާއި ހިލާފަށްކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ޕްލޭނިން ގަވާއިދަކީ އާންމުކޮށް ޝާއިއުކޮށްފައިވާ ގަވާއިދެއްކަން އެނގެން ނެތުމުން އެ ދައުވާ ބެލެން ނެތްކަމަށް ކުރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ހުކުމްކުރައްވާފައެވެ.

ނަމަވެސް މި މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ އަލުން އެ މައްސަލަ ކުރިމިނަލް ކޯޓުން ބެލުމަށް ހުކުމްކޮށްފައެވެ.

އެގޮތުން މި ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަޣުލަބިއްޔަތުންނެވެ.

މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ވަނީ އަނެއް ދެ ފަނޑިޔާރުންގެ ރައުޔާ ތަފާތުވެފައެވެ. އެގޮތުން ޝަހީދުގެ ރައުޔުގައި އޭނާ ނިންމަވާފައިވަނީ މި މައްސަލަ ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ.