ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް 1050 ސޮޔާއެކު ހުށަހެޅުއްވި "ޗޭންޖް އެންޑީއޭ 2020" ޕެޓިޝަނާ ގުޅިގެން ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

މި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ "ސަން"އަށް ވިދާޅުވީ އެންމެ ސެންޓަރެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ކޮމިޓީން ބަލައިފައިވާކަމަށެވެ.

"އަތޮޅު ތެރޭ ހުރިހާ ތަނަކާއި މާލެއާއި ހުޅުމާލޭގެ ހުރިހާ ތަނަކަށް ވަނީ ޒިޔާރަތްކުރެވިފައި. މި މަހު 25 ގައި ގުޅީފަޅުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރުން ކުރިއަށް އޮތީ،" މުޣުނީ ވިދާޅުވިއެވެ.

އެގޮތުން މިހާރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ހދ. ހަނިމާދޫ، އަދި ކ. ހިންމަފުށީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސެންޓަރުތަކަށް ޒިޔާރަތްކޮށް ނިންމާފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ގުޅީފަޅުގެ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރުމަށްފަހު ކުރިއަށް ގެންދާނީ ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ސުވާލުކުރުމަށް ހަތް މުއައްސަސާއެއްގެ ވެރިން ހާޒިރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި އެންޑީއޭ އާއި ޖެންޑާ މިނިސްޓްރީ، ޕޮލިހާއި ކަރެކްޝަންސް، މި ހުރިހާ ތަންތަނެއްގެ ވެރިން ހާޒިރުކުރާނަން،" މުޣުނީ ވިދާޅުވިއެވެ.

އަދި ވަރަށް އަވަހަށް މި މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅުމަށް އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ފެށޭ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ މަޖިލިސް ފްލޯއަށް ރިޕޯޓް ފޮނުވާލެވޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކޮށްފައިވާނެކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ލަސްތަކެއް އައި ނަމަވެސް މިހާރު މަސައްކަތަށް އެއްވެސް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.