21 Aug 2021, 12:50
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ އަސްލު ފޮރުވޭގޮތަށް އަމަލު ކުރަމުންދާކަމަށް އެމެޑީއޭގެ ނައީބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން އާމިރު މިއަދު ވިދާޅުވީ އެމައްސަލައިގެ ތަހުގީގު ހިންގަމުންދަނީ އަދުލުވެރިކަމާއެކު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އާމިރު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު ތިބިއިރު، ތަހުގީގު ހިނގަމުންދަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށް ފާހަގަވާ ކަމަށެވެ.
"ފުލުހުން ކުރި ތަހުގީގުން ނެތް ކަންތައްތައް ރިޔާސީ ކޮމިޝަނަށް ފާހަގަ ކުރެވުނީމަ އޭގެ ދެން އަދުލުވެރިކަން ހުންނާނެ މިންވަރު ވިސްނާލައްވާ،" އާމިރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި، މަޖިލީހުގެ 241 ކޮމިޓީން އާންމުކޮށްފައިވާ ހިޔާނާތުގައި ބައިވެރިވި މީހުން ކަމަށް ބުނާ ލިސްޓަކީ ވަކި ބޭނުމެއްގައި ނެރެފައިވާ ލިސްޓެއް ކަމަށް އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޒިންމާދާރު ގޮތުގައި މަސައްކަތް ނުކުރެވޭނަމަ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކޮށްފައިވާ ހުކުމުގެ ޝަރީއަތް ހިންގާފައި ވަނީ އަދުލުވެރިކަމާ އެކުގައި ނޫންކަމަށްވެސް އާމިރު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްސަލާގައި ހުކުމް ކުރުމަށް އެހާ ކައިރި ވެފައި ވަނިކޮށް އެމައްސަލާގެ ފަނޑިޔާރު ބަދަލުކުރުމަކީވެސް އެ ޝަރީއަތުގެ އަދުލުވެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އަދުލުވެރިކަމާއެކު އެ ޝަރީއަތް ހިނގަނީ ކަމަށް ވަންޏާ ހަމަ ހަމަ ކަން އޮންނަން ޖެހޭނެ. އެމްއެމްޕިއާރްސީގެ މައްސަލާގައި ތަހުގީގުގަވެސް ހަމަހަމަ ކަމެއް ނެތް، އަދި ޝަރީއަތުގެވެސް ހަމަހަމަކަމެއް ނެތް، އަދި އެކަމާ ގުޅޭގޮތުން ނެރޭ ބަޔާންތަކާއި ހާމަކުރާ ހާމަކުރުންތަކާއި ވާހަކަތަކުގައިވެސް ހަމަހަމަ ކަމެއް ނެތް. އެހެންވީމަ ކިހިނެތްތޯ އެމައްސަލައިގަ ހެޔޮ ނިޔަތެއް އަޅުގަންޑުމެން ހޯދާނީ،" އާމިރު ވިދާޅުވިއެވެ.