ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލަންކާ ލޮކްޑައުންކުރަން ނިންމައިފިއެވެ.

ލޮކްޑައުނަކަށް ދާކަން އިއުލާނުކޮށްފައިވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ލޮކްޑައުން ކުރަން ނިންމާފައިވަނީ ރެއިން ފެށިގެން ކުރިޔަށް އޮތް 10 ދުވަހުގެ މުއްދަތަކަށެވެ. ލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

"ލޮކްޑައުނަކަށް ދިޔުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެންނަމަވެސް އަސާސީ ހިދުމަތްތައް އާންމު ހާލަތެކޭ އެއްފަދައިން ފޯރުކޮށްދެވިގެންދާނެ،" ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ ވިދާޅުވިއެވެ.

އެގައުމުގައި ކޮންމެ ދުވަހަކުވެސް 3000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް އަންނަނީ ޕޮޒިިޓިވްވަމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

އެއާއެކު އެގައުމުގެ ސިއްހީ މާހިރުން އަންނަނީ ކޮވިޑްގެ ބަލި މީހުންނާއެކު އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި ބާރުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލަންކާ ލޮކްޑައުނަކަށް ގޮސްފައިވާއިރު، ލޮކްޑައުނަކަށް ދިޔުމުގެ ކުރިންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ޖިމްތަކާއި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް މީހުން އެއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއުވެސް އައީ ހިންގަމުންނެވެެ.

ލަންކާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ރަނގަޅުކުރި އެއް ގައުމެވެ. ނަމަވެސް ފަހުން ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާއެކު އެގައުމުގެ ހާލަތު އަލުން ވަނީ ގޯސްވެގެން ގޮސްފައެވެ.