ޓްރާންސްފާ މާކެޓުގައި ބޮޑެތި ޚަރަދުތަކެއް ނުކޮށް ގިނަ އަހަރުތަކެއް ހިފަހައްޓާލުމަށްފަހު އާސެނަލުން ބޭންކް ހުޅުވާލައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި މި ސީޒަނުގައި ހޯދައިފިއެވެ.

ފަހަކަށް އައިސް ލީގުގެ ވާދަވެރިންގެ ކައިރީ "ކުޑަ ކަކުލަށް" ތިރިވާން ޖެހިފައިވާ އާސެނަލުން ރަނގަޅު ކުޅުންތެރިން ގެންދަން ހަރަދުނުކުރާތީ ކުލަބުގެ ސަޕޯޓަރުން ވަނީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލައިފަ އެވެ. އެއާ ވިދިގެން މި ސީޒަނުގައި އެ ޓީމުން ވަނީ މުޅި ޕްރިމިއާ ލީގުގައި ވެސް އެންމެ ބޮޑު ޚަރަދު ކުރި ކުލަބަށް ވެފައެވެ.

އެގޮތުން އިއްޔެ ވެސް އެ ޓީމުން ވަނީ ދެ ކުޅުންތެރިއެއްގެ ސޮއި ހޯދައިފައެވެ. އެއީ ޝެފީލްޑް ޔުނައިޓެޑްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑްގެއެވެ. މި ދެކުޅުންތެރިންނަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ދީފައިވާ އިރު، އިތުރު އަހަރަކަށް އެއްބަސްވުން ދިގު ދަންމާލުމުގެ ފުރުސަތު ވެސް އޮވެއެވެ.

އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރާމްސްޑޭލް އާއި އޮޑެގާޑް ގަތުމުގެ ކުރިން ބްރައިޓަންގެ ބެން ވައިޓް، ބެންފީކާގެ ނޫނޯ ޓަވަރޭސް އަދި އެންޑަލެކްޓްގެ ސަންބީ ލޮކޮންގާ ގަނެފައެވެ. މި ހުރިހާ ކުޅުންތެރިންނަކަށް އާސެނަލުން ކުރި ހަރަދުގެ ޖުމްލަ އަކީ 132.2 މިލިއަން ޕައުންޑެވެ.

މިއީ އާސެނަލުން މިހާތަނަށް އެއް ޓްރާންސްފާއެއްގައި އެންމެ ގިނަ ކުޅުންތެރިންތަކެއް ގަތް އަހަރަށްވީ އިރު، މި މަހުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ މާކެޓުގެ ކުރިން އެ ޓީމުން އަދިވެސް އިތުރު ކުޅުންތެރިއަކު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލަށްފަހު ދެން އެންމެ ބޮޑު ހަރަދެއް މިފަހަރު ކުރީ ފައިސާގެ ގޮތުން މުޅި ދުނިޔެއިން ވެސް އެންމެ ތަނަވަސް ކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީއެވެ. އެކުލަބުން މިފަހަރުގެ މާކެޓުގައި އެސްޓަން ވިލާގެ ފޯވާޑް ޖެކް ގްރީލިޝް 100 މިލިއަން ޕައުންޑަށް ގެންގޮސް އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓްރާންސްފާގެ ރެކޯޑް ވަނީ މުގުރާލައިފައެވެ. އެ ޓީމުން މިޓްރާންސްފާގައި ކުރި ހަރަދުތައް 114 މިލިއަން ޕައުންޑަށް އަރައެވެ.

މީގެ އިތުރުން ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފައެލް ވަރާން އާއި ބުރޮޝިއާ ޑޮޓްމަންޑުގެ ޒުވާން މިޑްފީލްޑަރު ޖޭޑަން ސަންޗޯގެ ސޮއި ހޯދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 113 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. އަދި އިންޓަ މިލާނަށް ކުޅެމުން އައި ރޮމެލޫ ލުކާކޫ އަލުން ގަތް ޗެލްސީން ވަނީ 103 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ.