ކައިލީ ޖެނާ ޓްރެވިސް ސްކޮޓްގެ އިތުރު ދަރިއަކަށް ބަނޑު ބޮޑު ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިހާރު ކައިލީ އުޅެނީ މާބަނޑު ދުވަސްވަރުގެ އެންމެ ކުރީ ކޮޅުގައެވެ. އެހެންކަމުން އަދި ބަނޑުގައި ދަރިފުޅުއޮތްނަމަވެސް އެއީ ކޮން ޖިންސެއްގެ ކުއްޖެއްކަމެއް އަދި ނޭނގެއެވެ.

އޭނާ ވިހެއުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއްވެސް އެނގޭކަށް ނެތެވެ. ކައިލީ ވަނީ އޭނާގެ ހަމައެކަނި ދަރިފުޅުގެ ގޮތުގައި ސްޓޯމީ އެކަނި ހުރުމަށް ބޭނުންނުވާކަމަށް ބުނެފައެވެ.

އެއީ އޭނާ ބޭނުންވާ ގޮތް ކަމަށްވިޔަސް، އިތުރު ދަރިއަކު ހޯދުމަށް ޕްރެޝަރު ކުރިމަތިވާކަމަށް ބުންޏެވެ. ނަމަވެސް އެއިރު އޭނާ ވަނީ އަދި އެކަމަށް ތައްޔާރު ނޫންކަމަށް ބުނެފައެވެ.

ކައިލީ އެންމެ ފުރަތަމަ ސްޓޯމީއަށް ބަނޑުބޮޑުވި އިރު އޭނާގެ މާބަނޑުދުވަސްވަރު ހޭދަކުރީ މީޑިއާ އާ ދުރުގައެވެ. އެހެންކަމުން ފުރަތަމަ ފަހަރުގެ ކަންކަން ހިނގައިދިޔަ ގޮތް މީޑިއާއަށް މާބޮޑަކަށް ތިލަވެފައެއް ނުވެއެވެެ.

ނަމަވެސް މިފަހަރު އޭނާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން މީޑިއާއަށް ހާމަވެފައިވާއިރު ބިލިއަނަރެއްގެ ގޮތުގައި އޭނާ ކަންކަން ކުރާގޮތް ބަލައިލުން ވެގެންދާނީ އާންމުންނަށް ޝައުގުވެރި އެތައް ކަމެއް ފެނިގެންދާނެކަމަކަށެވެ.