ފްރެންޗް ލީގުގައި ރޭ ބްރެސްޓް އަތުން ފަސޭހަކަމާ އެކު މޮޅުވެ ޕީއެސްޖީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޕީއެސްޖީން ވަނީ އެއްވަނައަށް ޖެހިލައިފައެވެ. ނުވަ ޕޮއިންޓާއެކު ޕީއެސްޖީން އެ ތީމުގެ ހައްގު މަގާމުގައި ފައިތިލަ ސާބިތުކޮށްފައިވާ އިރު، ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން އޮތީ އެންޖާސްއެވެ. ތިންވަނައިގައި ކްލެމެންޓް ފޫޓް އޮތް އިރު، ހަތަރުވަނައިގައި އޮތީ ނީސްއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ހިންގުންތެރި ކުލަބުގެ ގޮތުގައި ފާހަގަވި ޕީއެސްޖީން ލީގުގެ ތިންވަނަ މެޗާ ހަމައަށް އައި އިރުވެސް އަލަށް ގުޅުނު މުހިއްމު ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއި ބާސެލޯނާގެ ކުރީގެ ތަރި ލިއޮނެލް މެސީ ހިމެނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާ ހޯދި އިޓަލީގެ ކީޕަރު ގިގީ ޑޮނަރޫމާ ވެސް އަދި މެޗަކުން ނުފެނެއެވެ.

ނަމަވެސް ރޭގެ މެޗުގައި އަލަށް ގުޅުނު މިޑްފީލްޑަރު ވައިނަލްޑަމް އާއި އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅުނު ޕީއެސްޖީ 23 ވަނަ މިނަޓުގައި ވަނީ ލީޑު ނަގައިފައެވެ. އެންޑާ ހެރޭރާގެ ގޯލުން ޕީއެސްޖީ ނެގި ލީޑު އޭގެ އިރަކޮޅެއް ފަހުން ފުޅާ ކޮށްދިނީ ސްޕެއިނުގެ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ ޔޯލަ ވާހަކަތަކެއް ދައުރުވަމުން އަންނަ ކިލިއަން އެމްބާއްޕޭއެވެ.

ޕީއެސްޖީން ނެގި ދެ ގޯލުގެ ލީޑާ އެކު ހަމަޖެހިލައިގެން އެ ޓީމުން ކުޅެން ދަނިކޮށް ފުރަތަމަ ހާފުގެ ފަހުވަގުތު ބްރެސްޓުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ފްރޭންކް ހޮނޮރަޓްއެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީން އަނެއްކާވެސް ހަމަލާތައް އިތުރު ކުރި އިރު، އިދުރީސާ ގަނާ ގުއޭ ވަނީ ޕީއެސްޖީއަށް އަނެއްކާވެސް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ. އެކަމަކު ރައްދުގައި ބްރެސްޓުން އަނެއްކާވެސް ގޯލެއް ޖަހައި އުންމީދު ދެމެހެއްޓި އިރު، އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ޕީއެސްޖީން މެޗު ނިންމާލީ ފަހުވަގުތު އޭންހެލް ޑިމާރިއާ ޖަހައިދިން ގޯލާ އެކު ދެ ގޯލުގެ ލީޑެއްގައެވެ.