މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޯގަސްޓު މަހު ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ 50 ޕަސެންޓް ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ޕީއެސްއައިޕީ މަޝްރޫތަކަށް ކޮށްފައިވާ ހޭދަ ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހާ ހަމައަށް ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫތަކަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތާ ހަމައަށް ސަރުކާރުން ހޭދަކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީ މަޝްރޫތަކަށް މި އަހަރު ސަރުކާރުން ބަޖެޓުކޮށްފައިވަނީ ޖުމްލަ 8.4 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫތަކަށް ހޭދަކުރި މިންވަރު ދަށްވެފައިވާއިރު ސަރުކާރު ހިންގުމުގެ ރިކަރެންޓު ހަރަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިދިޔަ އަހަރު ގެ އޯގަސްޓު މަހާއި މިއަހަރުގެ އޯގަސްޓު މަހާ ހަމައަށް ރިކަރެންޓް ހަރަދުގެ ގޮތުގައި ސަރުކާރުން ވަނީ 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ކޮވިޑް-19 އާއިި ގުޅިގެން ތަރައްގީގެ މަޝްރޫތަކަށް ސަރުކާރުން ކުރި ހޭދަ 50 ޕަސެންޓަށްވުރެ ދަށްވެފައިވާއިރު އިގްތިސާދު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.