22 Feb 2012, 14:13
މިދިޔަ ސަރުކާރުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތައް ދޫކޮށްފައިވަނީ ޓޫރިޒަމްގެ ގާނޫނާ ހިލާފަށް ކަމަށާއި އޭގެން އެއްވެސް ރަށެއް އެގްރިމެންޓާ އެއްގޮތަށް ޑިވަލޮޕް ކުރެވިފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމްގެ ހާލަތާ ގުޅޭގޮތުން މިނިސްޓާ އަދީބު ވިދާޅުވީ މިދިޔަ ސަރުކާރުން ރިސޯޓްހަދަން މުޅިން އަލަށް ދޫކުރީ 10 ރަށެއް ކަމަށާއި އޭގެން އެއްވެސް ރަށެއް ސަރުކާރާ އެކު ސޮއިކޮށްފައިވާ އެގްރިމެންޓާ އެއްގޮތަށް ތަރައްގީކުރަމުން ނުދާ ކަމަށެވެ. އަދި ގިނަ ރަށްތައް ދޫކޮށްފައި ހުރީ ބިޑްކުރުމެއް ނެތި ސިޔާސީ ވިސްނުމަށް ބެލިގެން ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"[ސިޔާސީ] ޓޫލްއެއް ގޮތުގައި އެރަށްތައް ދޫކުރެވި ފްލަޑް ކުރެވިފައި ހުރީ. ދެ ތިން ގޮތަކަށް ރަށްތައް ދޫކޮށްފައި މި ހުންނަނީ. އެއީ ލަގްޒަރީ ވިލާގެ ގޮތުގަ އާއި އަދި ލަގްޒަރީ ވިލާ އަށް ދޫކުރާއިރުވެސް ބައެއް ބޭފުޅުންނަށް ރަށް ދެއްވާފައި ހުންނަނީ އެ ރަށުގެ އެއް ބައި ދަނޑުވެރިކަން ކުރަން. އަނެއްބައި ލަގްޒަރީ ވިލާގެ ގޮތުގައި،" އަދީބު ވިދާޅުވި އެވެ. "ވަރަށް ސަރީހަކޮށް ޓޫރިޒަމްގެ ގާނުނުގައި އެބަ ބުނޭ ރިސޯޓްހަދަން ރަށްތައް ތަރައްގީ ކުރަން ޖެހޭނީ، ބިޑްކޮށްގެން، ބިޑް އުސޫލުގެ ދަށުންނޭ އަދި ޓޫރިޒަމް މިނިސްޓްރީއާ އެގްރީމަންޓްވެސް ކުރެވިގެންނޭ،"
މިނިސްޓާ ވިދާޅުވީ ދަތުރުފަތުގެ ނިޒާމް ތަރައްގީކުރާ ފަރާތްތަކަށް ރަށްތައް ދޫކޮށްފައި ހުރީ "ފުރީ"ކޮށް ލޭންޑްރެންޓްވެސް ނުނަގާ ގޮތައް ކަމަށާއި އެއީ ކަޑައެޅިގެން ޓޫރިޒަމްގެ ގާނޫނާ ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެރަށްތައް ހުރީ ފައިނޭންސް ނުލިބިގެން ޑިވަލޮޕްނުކުރެވިފައި ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމްގެ ލޭންޑް ރެންޓާ އެ ހުރިހާ އެއްޗެއް ދައްކަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ. އެހެން ނަމަވެސް އެގްރީމަންޓްތަކުގައި މި ހުންނަނީ އެއްކޮށް ފްރީ ކޮށް. މީރާއާ އެ ފަރާތްތަކާ ވެސް މައްސަލަތަކެއް ޖެހުނު. އަޅުގަނޑުމެން ސިޓީތަކަށް ބަލާލާއިރު އެގޮތަށް މި ފެންނަނީވެސް،" އަދީބު ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައެއްކަމަށް އަދީބު ވިދާޅުވީ ޓޫރިޒަމްގެ މާސްޓާ ޕްލޭނަށް އަމަލުކުރެވިފައި ނެތުމެވެ. އޭނާ ވިދާޅުވީ މާސްޓާޕްލޭނަށް އަމަލުކުރުމަށް އޭސީސީ އާ އޮޑީޓާ ޖެނެރަލާ މަޝްވަރާކުރާނެ ކަމަށާއި ގާނޫނުގެ ތެރެއިން ކޮށްފައި ހުރި ކޮންޓްރެކްޓްތަކަށް އަމަލުކުރާނެ ކަމަށެވެ.
"އަޅުގަނޑަށް އޮނާ [އިހުތިރާމް، އަމަލު] ކުރެވޭނީ ގާނޫނުގެ ތެރެއިން ހަދާފައިވާ އެގްރިމެންޓްތަކަށް. އަޅުގަނޑުމެން އެބުރި މާސްޓާ ޕްލޭނަށް ދާންޖެހޭ،" އަދީބު ވިދާޅުވި އެވެ.