ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލު މެޗުގެ ފަހު ޖާގަ ބިސް ބުރުން ހޯދައިފިއެވެ. ސެމީ ފައުނަލުގައި ލިޓްލް ޓައުން (އެލްޓީ)ގެ މައްޗަށް ބިސް ބުރު ވަނީ 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މެޗުގައި ބިސް ބުރުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ފާރިޝް ހަސަން އަދި މުހައްމަދު ފައިހާން އިމްރާނެވެ.

މެޗުގެ 19 ވަނަ މިނިޓުގައި ބިސް ބުރަށް ލީޑު ނަގައިދިނީ ފައިހާނެވެ.

ދެވަނަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ބިސް ބުރުގެ ލީޑު ފުޅާކޮށްދިނީ ފާރިޝްއެވެ.

ތިން ވަނަ ޑިވިޝަން ފައިނަލުގައި ބުރު ކުޅެން ޖެހޭނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ބުރު މޮޅުވީ 7-1 ކްލަބް އޯވަންއޯ ބަލިކުރުމަށް ފަހުއެވެ.

މިއަހަރުގެ ތިން ވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމަށްވެސް އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުން ޖާގަ ލިބޭނެއެވެ.

ދެވަނަ ޑިވިޝަނުން ފުރުސަތު ލިބެނީ ބިސް ބުރު، ބުރު ސްޕޯޓްސް އާ އެލްޓީގެ އިތުރުން އޯވަންއޯއެވެ.

ތިން ވަނަ ޑިވިޝަނުގެ ފައިނަލު މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ ޓާފް ދަނޑުގައެވެ.

މިއަހަރު ބާއްވާ ތިން ވަނަ ޑިވިޝަން މުބާރާތަކީ މިދިޔަ އަހަރުގެ މުބާރާތެވެ. ކޮވިޑް19ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.

މިއަހަރުގެ ތިން ވަނަ ޑިވިޝަން ބާއްވަން ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅެވެ.