މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތްލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 705،024 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 81.2 އިންސައްތައިގެ ކުރިއެރުމެކެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 389،187 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުން, އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އޯގަސްޓްމަސް ތެރޭގައި އުޅެނީ 4،000 އިން މަތީގައެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަނީ 4،877 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ.

ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނު ވިލާތުންނެވެ. އެއީ 5.7 އިންސައްތައެވެ. އަވަށްޓެރި އިންޑިއާ އިން ހިއްސާ ކުރަނީ 18.9 އިންސައްތައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު ބަންދުކޮށްފައި ބާއްވަން ޖެހުމުގެ ސަބަބުން ޓޫރިޒަމް ބޮޑުތަނުން ދައްވެފައި އޮތުމަށްފަހު، އަލުން ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މިވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.