މިއަދު ރާއްޖެއިން 95 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ޓެސްޓު ކުރި 5،675 ސާމްޕަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 95 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 24 މީހަކާއި އަތޮޅުތަކުން 62 މީހަކާއި ރިޒޯޓުތަކުން 9 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 79،754އަށް އަރާފައެވެ.

މިވަގުތު ބަލި ޖެހިފައި ތިބި އެކްޓިވް ކޭސްގެ އަދަދަކީ 1،750 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 މީހަކަށެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 57އެވެ. މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 77،770އެވެ.

ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.