މުޅިރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅާފައިވާ ޕްރައިވެޓް ތިން ބްރޯޑްކާސްޓަރުންނަށް ވަގުތުން ހުއްދަ ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭ) އިން އެކޮމިޝަނަށް ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ޒަމާނީ ވަސީލަތް ބޭނުންކޮށްގެން، މުޅި ރާއްޖެ އަށް ހިދުމަތް ފުޅާ ކުރުމުގެ ހުއްދައަށް މިހާރު އެދިފައިވާ، ސަން މީޑިއާ ގްރޫޕުގެ ސަން އެފްއެމާއި ދި ޓީވީ އާއި ވީ ޓީވީ އިން އެދިފައިވާ ހުއްދަ ވަގުތުން ދިނުމަށް " އެ ޖަމިއްޔާ އިން ގޮވާލާ ކަމަށެވެ.

އެމްޖޭއޭގެ ބަޔާނުގައި އަދި ވަނީ ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ހުއްދަ ދޫކުރަން ބްރޯޑްކާސްޓް ކޮމިޝަނުން ފެށި ފެށުމަށް މަރުހަބާ ކިޔާ ކަމަށާއި އެގޮތުން ރާއްޖެ ޓީވީގެ ހިދުމަތް މުޅިރާއްޖެ އަށް ފުޅާކުރުމުގެ ހުއްދައަށް އެދުމުން އެހުއްދަ ދިން ފަދައިން އެހެން ބްރޯޑްކާސްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތި ވަގުތުން ހުއްދަ ދިނުމަށް ގޮވާލާ ކަމަށެވެ.

"ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފެށި ފެށުމަށް މިޖަމްއިއްޔާ އިން މަރުޙަބާ ކިޔަމެވެ. އެގޮތުން ރާއްޖެ ޓީވީގެ ޚިދުމަތް މުޅިރާއްޖެ އަށް ފުޅާ ކުރުމަށް އެދުމުން އެ ފަރާތަށް އެ ހުއްދަ ދިން ފަދައިން އެހެން ބްރޯޑްކާސްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތި ހުއްދަ ވަގުތުން ދިނުމަށް މި ޖަމިއްޔާ އިން ގޮވައިލަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ބްރޯޑްކާސްޓަރުންނަށް މިނިވަންކަމާ އެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެއްވެސް ފިއްތުމެއް ނެތި މުޅިރާއްޖެ އަށް ލިބިގެން ދިއުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު މަޢުލޫމާތުތައް ލިބިގަތުމަށް ފުރުޞަޠު ހުޅުވިގެންދާނޭ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

ބްރޯޑްކާސްޓަރުން ޒިންމާދާރުވުމަކީ ވެސް މުހިންމުކަމެއް ކަމުގައި ފާހަގަ ކުރަމުން، ފޭރާން ހެޔޮ ނޫސްވެރިކަމެއް ނޫނީ ނުކުރުމަށް އެމްޖޭއޭ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.