އެންމެ ބޮޑު ދެ މައްސަލައަކީ ހަރުކަށި ފިކުރާ ޑްރަގް: ރައީސް
އެންމެ ބޮޑު ދެ މައްސަލައަކީ ހަރުކަށި ފިކުރާ ޑްރަގް: ރައީސް

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން ރައްޔިތުންންނާ އެބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދާ ކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ އެ މައްސައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެ ކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، މިހާރުވަނީ ނިމިފައި ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އޭގެ ޕްލޭނެއްވެސް އެކުލަވައިލެވި، އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ވިދާޅުވިއެވެ.

ހަރުކަށި ފިކުރާ މަސްތުވާތަކެއްޗަށް އޮތް ހައްލު ބަޔާން ކުރައްވާ ރައީސް ވިދާޅުވީ ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމާއި ކުޑައިރުއްސުރެ ފަށައިގެން، އިސްލާމްދީނުގެ ސައްހަ އަގީދާގައި ދަރިވަރުންނަށް ތައުލީމު ދީ، މުޖުތަމައުގެ ތެރޭގައި ހުރި މިފަދަ ކަންތައްތަކުން ދުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ބާރުއަޅައިދީގެން ކަމަށެވެ.

ރައީސް ސޯލިލް އޮމަދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މި ދެކަންތަކުގައި، އަމަލީގޮތުން ބައިވެރިވެ، މިކަމުން މުޅި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިމަތިވީ ގޮންޖެހުންތަަކުގެ ވާހަކަ ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއްކޮށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ 2020 ވަނަ އަހަރު އަންދާޒާކުރި އާމްދަނީގެ 23 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރި އަންދާޒާ ނިމުނުއިރުގައި، ދައުލަތަށް ލިބުނީ 10 ބިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން ބަޖެޓުގެ ވަރަށް ބޮޑު ފަރަގެއް އޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ތަފާތު ފޫބެއްދުމަށްޓަކައި ގިނަ ލޯނުތަކެއް ނަގަންޖެހުނު ކަމަށެވެ. އެކަން ކުރީ ރައްޔިތުންގެ ފުދުންތެރިކަން ދެމެހެއްޓުމަށާއި، ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ކަމަށެވެ.

ރައީސް ވިދާޅުވީ އެއާ އެކީގައި، ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލައި، ފަހަތަށްޖައްސާލަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް، މިހާރު މި އާދެވިފައި އޮތް ހިސާބުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވެ، ޓޫރިސްޓުން ރާއްޖެއަށް އަންނަން ފަށައިފި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ނަމަވެސް މިގޮތުގައި ކުރިއަށް ގެންދެވޭނީ، ވަރަށް ވިސްނުންތެރިކަމާ އެކީގައި އަދިވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ރައީސް ސޯލިހު ވަނީ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައި ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައެވެ.