މިއަންނަ ހުކުރު ދުވަހު 23 ޑިސެމްބަރު އިއްތިހާދުން ބާއްވާ މަހާސިންތާ އަށް ރަށްރަށުން މީހުން ގެނައުމުގައި އެ އިއްތިހާދުގައި ހިމެނޭ އެކި ޕާޓީތަކުން މަސައްކަތް ކުރާނީ އެކި ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތް ކަމަށާއި ހުރިހާ ޕާޓީތަކުގެ މެންބަރުން އެކަމަށް އެއްބާރުލުން ދިނުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ އިއްތިހާދުން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ މީހުން އަތޮޅު ތެރެއިން މާލެ ގެނައުން ކަމަށާއި އިއްތިހާދުގައި ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް އަންގާ ގޮތަށް ހުރިހާ ޕާޓީތަކުގެ މެންބަރުން އަމަލުކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

"މި މަސައްކަތުގައި އިއްތިހާދުގެ ހިމެނޭ ހުރިހާ ޕާޓީތަކުން އެކިރަށްރަށުން މީހުން ގެނައުމުގައި މަސައްކަތް ކުރާނީ. އެކި ޕާޓީތަކުން އެކި ރަށްރަށަށް ގުޅަމުން ދާނީ ވަކި ޕާޓިއަކުން ގުޅި ނަމަވެސް އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް އެއްބާރުލުންދީ ހުކުރު ދުވަހުގެ މަހާސިންތާގައި ބައިވެރިވުމަށް މާލެ ވަޑައިގަންނަވަންވީ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ހުކުރު ދުވަހު ބާއްވާ މަހާސިންތާ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ މީހުން ގިނަ އެއް މަހާސިންތާ ކަމުގައި ހަދައި މިސަރުކާރަށް ރައްޔިތުންގެ ތާއިދު އޮތް މިންވަރު ހާމަކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހުގެ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި ހުރިހާ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިއްތިހާދުގެ މަހާސިންތާ ބާއްވަން މީގެ މަހެއްހާ ދުވަސްކުރިން ލޮނުޒިޔާރަތްކޮޅު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގައި އެދުނު ނަމަވެސް ލޮނުޒިޔާރަތްކޮޅު އެފަރާތަށް ނުދިނުމުގެ ސަބަބުން މަހާސިންތާ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު ހަތަރެއްޖަހާ އިރު ހެދިގޮނޑުދޮށް ސަރަހައްދުގައި ކަމަށެވެ.