ޗައިނާއިން އުފައްދާފައިވާ ސިނޮފާމް ވެކްސިނުން ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މިންވަރު އިތުރުކަމަށް ލަންކާގެ ދިރާސާއަކުން ދައްކައިފިއެވެ.

ލަންކާގެ އެންމެ ކުރިއަރާފައިވާ އެއް ޔުނިވާސިޓީކަމަށްވާ ސްރީ ޖަޔެވާޑެނެޕޫރަ ޔުނިވާސިޓީގެ ޑޮކްޓަރުން ގުޅިގެން ކުރި ދިރާސާ ދައްކާގޮތުން ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ.

އެގޮތުން މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 95 ޕަސެންޓު މީހުންގެ ކިބައިން ޑެލްޓާ ވޭރިއަންޓް ޖެހި، ރަނގަޅުވެފައިވާ މީހާއާއި އެއްފަދައިން އެ ވޭރިއެންޓާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީޒް އުފައްދައިދޭކަން ވަނީ ހާމަވަގެންގޮސްފައެވެ.

"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި ޖުމްލަގޮތެއްގައި ބުނާ ނަމަ ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންގެ ކިބައިން އެންޓިބޮޑީޒް އުފައްދައިދޭ މިންވަރު އިތުރު. އަދި އުމުރުން ދުވަސްވީ މީހުންނަށްވުރެ ޒުވާނުންގެ މެދުގައި އެންޓިބޮޑީޒް އުފައްދައި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ މިންވަރު މާ ބޮޑު،"

"އުމުރުން 60 އަހަރުން މަތީގެ މީހުންގެ ވެސް އިމިޔުނިޓީ 90 ޕަސެންޓަށްވުރެ މަތިކޮށްދޭ،" އެ ޔުނިވާސިޓީގެ އެލާޖީ އިމިޔުނޮލޮޖީ ސެލް ބައޮލޮޖީ ޔުނިޓުގެ ޑިރެކްޓަރު ޑރ. ޗަންޑިމާ ޖީވަންދްރާ ވިދާޅުވިއެވެ.

އަދި މި ވެކްސިނުން 82 ޕަސެންޓަށްވުރެ ގިނަ މީހުން މި ވޭރިއަންޓުން ދިފާއުކޮށްދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާ އެންޓިބޮޑީޒް އުފައްދައިދީފައިވާކަން ދިރާސާގެ ނަތީޖާއިން ދައްކާކަމަށްވެސް ވިދާޅުވިއެވެ.

މި ދިރާސާއަކީ މި އަހަރުގެ މޭ މަހު ފަށައިގެން ކުރިޔަށްގެންދިޔަ ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި ލަންކާގެ 300 އަށްވުރެ ގިނަ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

ޗައިނާއިން އެންމެ ފުރަތަމަ އުފައްދައި ބާޒާރަށް ނެރެފައިވަނީ ސިނޮފާމް ވެކްސިންއެވެ. އެ ވެކްސިން ވަނީ ޗައިނާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރަން ފަށާފައެވެ. ސިނޮފާމް ވެކްސިން ބޭނުންކުރުމުން ކޮވިޑްއިން ރައްކާތެރިކަން 79 އިންސައްތައަށް އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.