20 Aug 2021, 10:25
އެމެޒޯންގެ ވާޗުއަލް އެސިސްޓެންޓް، އެލެކްސާގެ ވާހަކަތައް އަމީތާބު ބައްޗަންގެ އަޑުން އިވިގެން ދާނެ ގޮތް ހެދުމުގެ ފުރުސަތު އެ ކުންފުނިން ފަހިކޮށްދީފިއެވެ.
އެމެރިކާގައި އެލެކްސާ ބޭނުން ކުރާ މީހުންނަށް މީގެ ކުރިން އެކްޓަރު ސެމުއެލް އެލް ޖެކްސަންގެ އަޑު ތައާރަފް ކުރި އެވެ. އަދި މިހާރު އަމީތާބް ބައްޗަންގެ އަޑު ހިޔާރު ކުރެވޭނީ އިންޑިއާގެ ކަސްޓަމަރުންނަށެވެ.
އެމެޒޯންއިން ބުނި ގޮތުގައި އެ ކުންފުނީގެ އެކޯ ޑިވައިސްތަކާއި އެމެޒޯން ޝޮޕިން އެޕުން އަމީތާބުގެ އަޑު އަހާލުމަށް އެއް އަހަރަށް ދައްކަން ޖެހޭނީ 149 ރުޕީސް (ދެ ޑޮލަރު)އެވެ. އަދި ދެވަނަ އަހަރު އެ އަގު ހަތަރު ޑޮލަރަށް އިތުރު ކުރާނެއެވެ.
އެމެޒޯންގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ އެލެކްސާ ގާތުގައި "އިންޓްރޮޑިއުސް މީ ޓު އަމީތާބު ބައްޗަން"އޭ ބުނުމުން އެ އަޑު ގަނެވޭނެއެވެ. އަދި "އަމިތު ޖީ"އޭ ކިޔާފަ ގޮވާލުމުން އެކްޓިވޭޓް ކުރެވޭނެއެވެ.
އަމީތާބުގެ އަޑު އެލެކްސާއަށް އިތުރު ކުރުމުން އޭނާގެ ހަޔާތާ ބެހޭ ވާހަކަތަކާއި، ޅެމާއި، ދޫފުރޮޅި އޭނާގެ އަޑުން ހިންދީ އަދި އިނގިރޭސި ބަހުން އިވިގެން ދާނެއެވެ.
އެމެޒޯންއިން އުންމީދު ކުރަނީ، އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަމީތާބުގެ އެހީއާ އެކު އެގައުމުގައި އެލެކްސާ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.