ރާއްޖޭގައި 2013 ވަނަ އަހަރުގެ ކުރިން އިންތިހާބެއް ބޭއްވުމަށް އަދި އެއްވެސް ގައުމަކު ޕްރެޝަރުކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން އިންތިހާބެއް ބާއްވަން އެންގޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އަވަސް އިންތިހާބަކަށް ދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް އިންޑިޔާ އިން އެދުނު ނަމަވެސް މަޝްވަރާ ތެރެއިން ވަކިކަމެއް ކުރުމަށް އެންގުމަށް އެއްވެސް ފަރާތަކުން ވެސް ޕްރެޝަރު ކުރިމަތިނުކުރާ ކަމަށެވެ.

"އިންޑިޔާ އިން ވެސް ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން އިތުރު އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެބޭފުޅުން ގެންދެވީ ވަރަށް ބިނާކުރެނިވި ދައުރެއް. އެބޭފުޅުން ވިދާޅުވަނީ އެއްބެސްވެވޭ ނަމަ އަވަސް އިންތިހާބަކަށް ދިޔުމަށް މަޝްވަރާކުރުމަށް. މިމަޝްވަރާ ތެރެއިން ވަކި ގޮތެއް ނިންމުމަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އެންގިދާނެ ހެން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ އޯލް ޕާޓީ ޓޯކްސް ތެރެއިން އެމްޑީޕީ އިން މޭޒުކައިރިއަށް ނައިކަމުގައިވީ ނަމަވެސް އިންތިހާބެއް ބާއްވާނެތޯ ނުވަތަ ނޫންތޯ އެއްބަސްވުމަކަށް ދާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި އިންތިހާބެއް ބާއްވަން ޕާޓީތަކުން އެއްބަސްވާ ނަމަ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް އެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.

"ޔޫއެން އިން ވެސް ބުނެފައި ވަނީ ދިވެހިންގެ ނިންމުމޭ މުހިންމީ އެހެންކަމުން އިންތިހާބެއް ބޭއްވުމަށް ނިންމާ ނަމަ ޕާޓީތަކުން ނިންމާ ނިންމުމާއި މިނިވަން މުއައްސަސާތަކުން ދެކޭ ގޮތް ވަރަށް މުހިންމު،" ދުންޔާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ އަދި ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އާ ސަރުކާރު ގާނޫނީ ސަރުކާރެއް ކަމަށް ބަލައިގަންނަމުން ދާކަން ލިޔުމުން މިހާތަނަށް ފަސް ގައުމެއްގެ އިތުރުން ބައެއް ޖަމާއަތްތަކުން އަންގާފައިވާ ކަމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި އިންޑިޔާ އާއި ޝްރީލަންކާ އާއި ރަޝިޔާ އާއި ޖަރުމަނުގެ އިތުރުން ސާކާއި އީޔޫ އާއީ ޔޫއެން އިން ކަމަށެވެ.