20 Aug 2021, 10:39
އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝްގެ ގައުމީ ފުޓުބޯޅަ ޓީމުން ކިރްގިސްތާނުގައި ކޭމްޕު ކުރަން ނިންމައިފިއެވެ.
ކިރްގިސްތާނުގައި ކުރިއަށް ގެންދާ ކޭމްޕްގައި ބަންގްލަދޭޝް ޓީމުން އެކުވެރިކަމުގެ ތިން މެޗު ކުޅޭނެއެވެ.
ބަންގްލަދޭޝް ފުޓުބޯލް ފެޑެރޭޝަންއިން ނިންމާފައިވަނީ މިމަހު ފަހުކޮޅު ކިރްގިސްތާނަށް ފުރުމަށެވެ.
އެގައުމުގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕުގެ އެކުވެރިކަމުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ކިރްގިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ ކިރްގިސްތާން ގައުމީ ޓީމުގެ އިތުރުން ފަލަސްތީނުގެ ގައުމީ ޓީމާ ދެކޮޅަށެވެ.
ސެޕްޓެމްބަރު ފަސްވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ކުޅޭއިރު ދެވަނަ މެޗުގައި ކިރްގިސްތާން ގައުމީ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހުއެވެ. ފަހު މެޗުގައި ނުވަ ވަނަ ދުވަހު ބަންގްލަދޭޝް ވާދަކުރާނީ ކިރްގިސްތާން 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕަށް އެންމެ ކުރިން ތައްޔާރުވާން ފަށައި ކޭޕް ކުރަން ނިންމިކަން އިއުލާން ކުރި ގައުމަކީ ބަންގްލަދޭޝްއެވެ.