20 Aug 2021, 10:20
އެޕަލްގެ އައިއޯއެސް 15 ގެ ބޭޓާ ހައެއްގައި އިންޓަނެޓް ބްރައުޒް ކުރާ ސަފާރީ އެޕަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެންމެ ފުރަތަމަ އައިއޯއެސް 15 ގެ ދަށުންވެސް އެޕަލްއިން ވަނީ ސަފާރީއަށް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ސަފާރީގެ ސާޗް ބާ ސްކްރީނުގެ ތިރީގައި އިންނަ ގޮތަށް ވަނީ އަޕްޑޭޓުކޮށްފައެވެ. މި ބަދަލު ބޭޓާ ވާޝަންގައި ގެނައިތާ ކުޑަދުވަސްކޮޅެއްވެފައިވާއިރު އެޕަލްގެ ކަސްޓަމަރުންނަށް މި އަޕްޑޭޓް ކަމަކުނުދާކަން ވަނީ ސޯޝަލް މީޑިއާއިން ފެނިފައެވެ.
މިއާއެކު އެޕަލް އިން އައިއޯއެސް 15 ގެ ބޭޓާ ހައެއްގައި ސަފާރީގެ ސާޗް ބާ ކުރިން ވެސް އިންނަ ގޮތަށް މަތީގައި އިންނަ ހެން އަޕްޑޭޓުކޮށްފަ ޑިވެލޮޕާސްއަށް ވަނީ ފޮނުވާފައެވެ.
ސާޗް ބާ އަށް ގެނެވުނު ބަދަލާ އެކީ ސަފާރީ އެޕުގައި ހުންނަ ބަޓަންސްތައް ނުފެންނަ ހެން ގެނެވުނު ބަދަލަށް ވެސް ކަސްޓަމަރުން ފާޑު ކިޔުމާ ގުޅިގެން ވަނީ ބަދަލު ގެނެސްފައެވެ. ބޭޓާ ހައެއްގައި އެޕަލް އިން ވަނީ ކުރިންވެސް ހުންނަ ގޮތަށް ސަފާރީގެ ބަޓަންސްތައް ފެންނަ ގޮތަށް އަޕްޑޭޓު ގެނެސްފައެވެ.
ބޭޓާ ހައެއްގައި ސަފާރީ ކުރިން ހުރިގޮތަށް ބަދަލު ކުރެވުނު ނަމަވެސް އައިއޯއެސްގެ ސެޓިންގްސް އެޕް މެދުވެރިކޮށް ސްކްރީން މަތީގަ ނުވަތަ ތިރީގަ ސާޗް ބާ އިންނަހެން އަދިވެސް ބަދަލު ކުރެވެއެވެ.