19 Aug 2021, 21:53
ކިޔަވައިގެން ތިބި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ޚިދުމަތްކުރާ ފަރާތްތަކުން އެ ކުރައްވާ ބުރަ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކޮށް، އަންނަ އަހަރު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ.
"ތައުލީމީ ޖީލެއް ބިނާ ކުރުމަކީ އަޅުގަނޑުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް،" ރައީސް ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ޓީޗަރުން ވަނީ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ފާހަގަ ކޮށްފައެވެ.
ކަނޑޫދޫ ކައުންސިލުންވެސް ވަނީ އެ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސާ ހިއްސާ ކޮށްފައެވެ.
އެގޮތުން، ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ސިއްހީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ފަށާފައިވާ ބައެއް މަޝްރޫއުތައް ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސާ މަޝްވަރާ ކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކަނޑޫދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ ޑީޓެއިލްޑް ޑިޒައިން ނިމިފައިވާކަމަށާއި، އެޑްމިން ބިލްޑިންގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ.
ރައީސް ވަނީ ބަނދަރުގެ މިހާރު ކުރިއަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތްކަމުގައި ވިދާޅުވެ، ސިއްހީ މަރުކަޒުގެ އަޕްގްރޭޑިންގެ މަސައްކަތް އޮތީ ބަޔަކާ ހަވާލު ކުރެވިފައި ކަމަށް ވިދާޅުވެފައެވެ. އަދި ރަށްގިރުމުގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން ހަދަންޖެހޭ އެސެސްމަންޓް ހައްދަވާނެކަމުގައި ވިދާޅުވިއެވެ.