20 Aug 2021, 19:13
މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލާ އިބްރާހިމް ޝުޖާއުގެ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދަކީ، ހުޅުމާލެ އަތިރިމަތި ކުނިކަހާ ދައްތަމެންނަށް ޖޫސްޕެޓީ ދިނުމެވެ.
ޝުޖާއުގެ ކެމްޕެއިން ނޯޓްފޮތުން ފާހަގަ ކުރެވުނު މި ވައުދު ފުއްދަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ.
ހުޅުމާލެ އަތިރިމަތި ސާފުކުރަން ތިބި ދައްތަމެންނަށް ޖޫސްޕެޓީ ގެންގޮސްދިން ފޮޓޯ އާންމުކުރަމުން ޝުޖާއު ވިދާޅުވީ، ދައްތަމެން އެ ކުރައްވަނީ ބުރަ ބޮޑު މަސައްކަތެއް ކަމަށެވެ. ހުޅުމާލެ އަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަތްދައްކާ އަވީގައި އެ ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރާ މީހަކަށް އޭނާ ވާނެކަމަށް ވިދާޅުވި އެވެ.
މިގަކާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ، ހުޅުމާލެ މުނިސިޕަލްގެ ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ގެންދަން ބޭނުންވާކަމަށާއި އެހިސާބުން ކުނިކަހާ ދައްތަމެންގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ.
"ހުޅުމާލޭގެ މުނިސިޕަލް ހިދުމަތަކީ މާލެސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތެއްކަމަށް ގާނޫނު 7/2010 އެބަ ބުނޭ. އަޅުގަނޑުމެންގެ ވައުދަކީ އަދި ސިޓީ ކައުންސިލްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގަ އޮންނާނެ ހުޅުމާލޭ ކުނިކަހާ ދައްތަމެންގެ މުސާރަ މިހާރު ދޭ ވަރަށް ވުރެ ބޮޑުކުރަން، އަޅުގަނޑުމެން އޮންނާނެ ހިމަނާފަ،" ޝުޖާއު ވިދާޅުވިއެވެ.
މިހާރު އެ ދައްތަމެން ތިބެނީ އެޗްޑީސީގެ މުވައްޒަފުންގެ ގޮތުގައެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް މުނިސިޕަލްގެ ހިދުމަތް މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހުޅުމާލެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބޯފެނާއި އެހެނިހެން ތަކެތި ގަތުމަށްވެސް އަމިއްލައަށް ހަރަދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވަދުއުވެ ވަޑައިގެންފައިވާ ފަދައިން، އެ ފަރާތްތަކަށް ކޮންމެ ހަފްތާއަކުވެސް ޖޫސްޕެޓީ ދޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.