22 Feb 2012, 12:55
ރިޔާޟް (ފެބްރުއަރީ 22) : ސައޫދީ އަރަބިޔާ އާއި ޢިރާޤު އަލުން ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކޮށް އެއްޤައުމުން އަނެއް ޤައުމަށް ސަފީރުން ކަނޑައަޅައިފި އެވެ. ދެ ޤައުމުގެ ގުޅުންތައް އަލުން މި އިޢާދަކުރީ 21 އަހަރަށްފަހުގަ އެވެ.
ސަޢޫދީ އަރަބިޔާ އިން ޢިރާޤާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލީ 1990 ވަނަ އަހަރު ޢިރާޤުން ކުވައިތަށް އަރައި ކުވައިތު ހިފުމާގުޅިގެންނެވެ. ނަން ހާމަކުރައްވަން ނޭދޭ ސައޫދީ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިޢާދަކުރުމާ ބެހޭ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
މިއެއްބަސްވުމާ ގުޅިގެން ސައޫދީ ސަރުކާރުން ވަނީ ޢިރާޤަށް ކަނޑައަޅާފައިވާ ސަޢުދީ ސަފީރު ކަމުގެ މަޤާމަށް އުރުދުންގައި ހުންނަވާ ސަޢޫދީ ސަފީރު ފަހްދު ޢަބްދުލްމުޙްސިން ޢައްޔަންކުރައްވާފަ އެވެ.
ޢިރާޤުގެ ސަލާމަތީ ކަންކަން ހުރިގޮތުން ސައޫދީ ސަފީރު މިދުވަސްވަރު ދާއިމީ ގޮތެއްގައި ބަޣްދާދުގައި ނުހުންނަވާނެ ކަމަށް ސަޢޫދީ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ސައޫދީ އަރަބިޔާއާއި ޢިރާޤުގެ ގުޅުންތައް އެންމެ ބޮޑަށް ބަދަހިވެގެން ދިޔައީވެސް އަދި ގުޅުންތައް ގޯސްވެ ގުޅުންތައް ކަނޑާލާފައި ވަނީ ސައްދާމް ޙުސައިންގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
ދެޤައުމުގެ ގުޅުންތައް އެންމެ ބޮޑަށް ރަނގަނޅުވެގެން ދިޔައީ ސައްދާމްގެ ސަރުކާރުން އީރާނާދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް ޢިރާޤު ސިފައިން އީރާނަށް އަރައިގަތުމާ ގުޅިގެންނެވެ. އީރާނާ ދެކޮޅަށް އިރާޤުން ކުރި 8 އަހަރުވީ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދީ ސައްދާމްގެ ފަހަތުގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި އޮތް ޤައުމަކީ ސަޢޫދީ އަރަބިޔާ އެވެ. ދެ ޤައުމުގެ ގުޅުންތައް ގޯސްވީ ސައްދާމްގެ އަމުރަށް ޢިރާޤު ސިފައިން ކުވައިތަށް އަރައިގަތުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)