އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ ލޭއޮހޮރުވުމަކުން ގައުމު ސަލާމަތްކުރުމަށް ކަމަށާއި ދައުލަތުގެ ބަޖެޓުން ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވެއްޖެއެވެ.

މިވަގުތު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނެވި ގަނީ ވިދާޅުވި ގޮތުގައި އޭނާ ކާބުލް ދޫކުރައްވާ ވަޑައިގެންނެވީ ދައުލަތުގެ އޮފިޝަލުންގެ ލަފައާ އެކީގައެވެ.

"ޔަމަން އަދި ސީރިއާހެން ހަނގުރާމައެއްގެ ތެރެއަށް ކާބުލް ގެންދަން ބޭނުން ނުވާތީ އަޅުގަނޑަށް މަޖުބޫރުވީ ކާބުލް ދޫކޮށްދާން" ގަނީ ވިދާޅުވިއެވެ.

ގަނީ ކާބުލްއިން ފިއްލެވީ މިލިއަނަކަށް ވުރެ ގިނަ ޑޮލަރާ އެކު ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ "އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގުތަކެއް" ކަމަށެވެ. އަދި ކަސްޓަމްސްގެ އޮފިޝަލުންނާ ސުވާލު ކުރުމުންވެސް އެކަން އެނގިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަފްގާނިސްތާނުން ތަޖިކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޒާހިރު އަގުބަރު ވަނީ ދައުލަތުގެ ބަޖެޓުން ގަނީ 169 މިލިއަން ޑޮލަރު ވަގަށް ނަންގަވާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރަން ގޮވާލެއްވިއެވެ.