އިޓަލީ ގައުމީ ޓީމުގެ މިޑްފިލްޑަރު މެނުއަލް ލޮކަޓެލީ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ. ލޮކަޓެލީގެ ސޮއި ހޯދުމަށް ޕްރިމިއާ ލީގުގެ އާސެނަލާއި ލިވަޕޫލްއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ލޮކަޓެލީ ޔުވެންޓަސްއަށް ބަދަލުވީ ދެއަހަރަށެވެ. ލޯނު މުއްދަތު ހަމަވުމުން ޔުވެންޓަސްއިން ދާއިމީކޮށް ލޮކަޓެލީ ސޮއި ކުރާނެއެވެ.

ސަސުއޯލޯ އާ ޔުވެންޓަސްއިން އެއްބަސްވެފައިވަނީ 37.5 މިލިއަން ޔޫރޯގެ އަގަކަށެވެ. 2018 ވަނަ އަހަރު ސަސުއޯލޯ އާ ގުޅުނު މިޑްފިލްޑަރު ވަނީ ކުރިން އޭސީ މިލާންއަށްވެސް ކުޅެފައެވެ.

އިޓާލިއަން ސެރިއާގައި 144 މެޗު ކުޅެފައިވާ ލޮކަޓެލީ ވަނީ ލީގުގައި އަށް ގޯލު ޖަހައި 11 އެސިސްޓް ހަދާފައެވެ.

ތޭވީސް އަހަރުގެ މިޑްފިލްޑަރު ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިޓަލީ ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މުބާރާތުގައި ދެލަނޑު ޖަހާފައެވެ.

މިއީ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސްއިން ސޮއި ކުރި ދެވަނަ ކުޅުންތެރިއާއެވެ. އެކްލަބުން ދެން ސޮއިކޮށްފައި ވަނީ ބްރެޒިލްގެ ސަންތޯސްއަށް ކުޅުނު ޒުވާން ފޯވާޑް ކަޔޯ ޖޯޖްއެވެ.

މިސީޒަނަކީ 1986ގެ ފަހުން ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސްއިން އެންމެ މަދުން ކުޅުންތެރިން ސޮއި ކުރި އަހަރެވެ.