22 Feb 2012, 12:34
ބާސެލޯނާ އާއެކު އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އާކުރުމަށް އެދޭކަމަށް އެކުލަބުގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ވެސް ބުނެފި އެވެ.
ގާޑިއޯލާ ވަނީ 2008 ވަނަ އަހަރު ސީނިއާ ޓީމާއި ހަވާލުވެ ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައެވެ. ބާސެލޯނާގެ ކޯޗުކަމާއި ދިގު މުއްދަތަކަށް ހަވާލުވުމަށް ދެކޮޅު ހެދި ނަމަވެސް އަހަރަކުން އަހަރެއް ކޮންޓްރެކްޓް އާކުރަމުން ދެއެވެ.
ބާސާގައި ގާޑިއޯލާ ހުރުމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އަދި އަންދުރޭސް އިނިއެސްޓާ ވެސް ބޭނުންވާ ކަން ހާމަކޮށްފައި ވެއެވެ. އެހެންކަމުން މިހާރު މިވަނީ ބާސާގެ އެންމެ މުހިންމު ތިން ކުޅުންތެރިން ގާޑިއޯލާ ބެހެއްޓުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ.
"ގާޑިއޯލާ އަހަރެމެންނަށް ހިތް އެދޭހާ ކާމިޔާބީތަކެއް ހީދައިދީފައިވޭ. އޭނާ އަކީ އަހަރެމެންނަށް ލިބެމުންދާ ކާމިޔާބީ ތަކުގެ ސިއްރު. އަދި ބާސާގެ ތަޅުދަނޑި އަކީ ކޯޗު ގާޑީއޯލާ. އަހަރެން ވެސް އެދެނީ ކުލަބާއި އެކު ގާޑިއޯލާ މަޑުކުރުމަށް. ނަމަވެސް އަހަރެމެން އިންތިޒާރު ކުރަން ޖެހޭނީ. ބާސާގައި މަޑުކުރުމުގެ ކަންތައް ނިންމާނީ ކޯޗު ކަމަށްވާތީ." ޒަވީ ބުންޏެވެ.
ކޯޗެއްގެ އިތުރުން ގާޑިއޯލާ އަކީ މިޑްފީލްޑަރެއްގެ ގޮތުން މަޝަހޫރު ކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބާސެލޯނާގެ ކެޕްޓަންކަން އަދާކޮށް، އެކުލަބަށް ގިނަ މެޗުތަކެއް ކުޅެދީ މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފައި ވެއެވެ. މީގެ އިތުރުން ގާޑިއޯލާ ވަނީ، ރޯމާ އަށާއި، ބްރެސިއާ އަށާއި، އަލްއަހްލީ އަދި ޑޮރަޑޮސް އަށް ވެސް ކުޅެފައެވެ. 2006 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން ރިޓަޔާ ވުމަށް ފަހު ގާޑިއޯލާ ފެނިގެންދިޔައީ މޮޅު ކޯޗެއްގެ ގޮތުގައެވެ. ބާސެލޯނާގެ ބީ ޓީމުގެ ކާމިޔާބީ އަށް ފަހު 2008 ވަނަ އަހަރު ގާޑިއޯލާ އަށް ވަނީ އޭ ޓީމު ހަވާލުކޮށްފައެވެ.