އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުހުމުގައިވެސް ހެކިބަސް ނެގޭ ގޮތެއް ނުވިއެވެ.

އާގިލް މަރާލާފައިވަނީ އޮގަސްޓް 31، 2018 ވަނަ ދުވަހުގެ ރޭ ވ. ފެލިދުއިން މާލެ އައި ސްކަލް ރައިޑާ ލޯންޗުން އާގިލް ފޭބި ތަނުން، އެ ސަރަހައްދުގައި އެވަގުތު ހުރި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އަދި އޭނާ ދިން ހަމަލާއިން ލިބުނު އަނިޔާތަކުގެ ސަބަބުން އާގިލް މަރުވި ކަމަށް ދައުވާގައިވެއެވެ.

މިއަދު ހެދުނު ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިން ހާޒިރު ނުކުރެވުމާ ގުޅިގެން ހެކިބަސް ނަގާފައެއްނުވެއެވެ. އަދި އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލައިފައިވާ ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ ފަރާތުން ބަންދަށް ލުއި ދިނުމަށް އެދުމުން ބަންދަށް ލުއި ދެވެން ނެތްކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ކަނޑައަޅާފައެވެ.

މިއަދުގެ އަޑުއެހުމަކީ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެއް ކަމުގައިވިނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ކުރީގެ ވަކީލުންގެ ބަދަލުގައި ވަކީލަކު ހަމަޖެހިފައިވާކަން ޔަގީން ކުރެވިފައި ނުވުމުގެ ސަބަބުން ދައުލަތުން ހެކިން ހާޒިރުކޮށްފައެއް ނުވެއެވެ.

ހެކިން ހާޒިރުކޮށްފައި ނުވަނީ ސިއްރު ހެކިންގެ ތެރޭގައި މާލެއިން ބޭރުގައިވެސް ދިރިއުޅޭ ހެކީން ތިބުމާއެކު ހެކިން ހާޒިރުކުރުމަށް ވަގުތު ބޭނުންވާނެތީއާއި ކުރިން ބޭއްވި އަޑުއެހުމުގައިވެސް ވަކީލަކު ހަމަޖެހިފައިނުވުމުން އަޑުއެހުން ކުރިއަށް ނުގެންދެވުމުން ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ހެކިން ހާޒިރު ކޮށްފައިނުވުމުން ވިޝާމްގެ ވަކީލު ވަނީ އޭނާގެ ބަންދުގެ މުއްދަތު މުރާޖާ ކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހަޅާފައެވެ. ދިފާއީ ވަކީލު ވިދާޅުވީ ވިޝާމްގެ އާއިލާއަށް ވިޝާމްގެ ބޭނުން ވަރަށް މުހިންމު ކަމަށާއި ޖަލުގައި ހުރުމުގެ ސަބަބުން އާމްދަނީއެއް ހޯދުމަށް މަސައްކަތް ނުކުރެވުމާއި ގުޅިގެން އެއްވެސް ކަހަލަ އެހީތެރިކަމެއް ވިޝާމްއަށް ނުފޯރުވޭކަމަށެވެ. އަދި ވިޝާމް ތުއްތު ކުދިން ތިބޭކަމަށާއި ވިޝާމްގެ ބޭނުން އެކުދިންނަށް މުހިންމުވާނެ ކަންވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

ބަންދު މުރާޖާ ކުރުމުގެ ކުރިން ވިޝާމަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ވަނީ ކިތަންމެ ބޮޑު ޝަރުތެއް ކޮށްފައިނަމަވެސް ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް ވަނީ އެދިފައެވެ.

ބަންދާމެދު ގޮތެއް ނިންމަމުން ގާޒީ ވިދާޅުވީ ވިސާމްގެ މައްޗަށް އުފުލައިފައިވާ ދައުވާއަށް ބަލައި ބަންދަށް ލުޔެއް ދިނުމުގެ ސަބަބުން މުޖްތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އޮތުމާއެއެކު ބަންދަށް ލުޔެއްދެވެން ނެތްކަމަށެވެ. ނަމަވެސް މައްސަލައާމެދު އަވަހަށް ގޮތެއް ނިންމުމަށްޓަކައި ތާވަލެއް ގާޒީ އެކުލަވާލިއެވެ.

އެގޮތުން ހެކިން ނެގުމަށްޓަކައި ހަތަރު އަޑުއެހުމެއް ތާވަލް ކޮށްފައިވެއެވެ. ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ނުވަވަނަ ދުވަހަށް ތާވަލް ކޮށްފައިވާއިރު އޮކްޓޯބަރު ތިންވަނަ ދުވަހާއި 17 ވަނަ ދުވަހުގެ އިތުރުން ނޮވެމްބަރު ހަތަރުވަނަ ދުވަހަށް ހެކިބަސް ނެގުން ތާވަލް ކޮށްފައިވެއެވެ.

ހެކިބަސް ނެގުމަށްފަހު ނޮވެމްބަރު 25 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުން ތާވަލް ކޮށްފައިވާއިރު ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހުކުމްކުރަން ވަނީ ތާވަލް ކޮށްފައެވެ.

މިއަދު އެކުލަވާލި ތާވަލާއެކު މި މައްސަލައަކީ މި ހަފްތާ ތެރޭގައި ކްރިމިނަލް ކޯޓުން މިއަހަރު ހުކުމް ކުރަން އަމާޒުކޮށްގެން މީހަކު މަރާލި މައްސަލައެއްގައި ތާވަލް އެކުލަވާލި ތިން ވަނަ މައްސަލައެވެ. 2017 ވަނަ އަހަރު މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދާއި، ލ. ފޮނަދޫ ގޮނޑު ދޮށުގައި މަރާލާފައި އޮއްވާ ފެނުނު އަސަން އުއްލާގެ މަރުގެ މައްސަލަ ނިންމަން ތާވަލް އެކުލަވާލާފައިވެއެވެ.

މި މައްސަލައިގައި ޖުމްލަ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. ހަމްދޫނާއި ވިޝާމްގެ އިތުރުން ދެން މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ސ. ހިތަދޫ ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ވިޝާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.