19 Aug 2021, 12:48
ތާލިބާނުންގެ ބާރު އަފްގާނިސްތާނުގައި އޮތުމަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ޓައިމްސް ނައު" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މި ސަރަހައްދުގެ އެތައް ގައުމަކަށް ތާލިބާނުންގެ ނުރައްކާ ފޯރައިފައިވާކަމަށެވެ. އަދި އެމީހުންނާ ގުޅިގެން ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް މަސައްކަތްކުރުމުގެ މަގު ފަހިވެފައިވާކަމަށެވެ.
"ތާލިބާނުން އަފްގާނިސްތާނަށް ވެރިވެގަތުމަކީ ހަރުކަށި ފިކުރުގެ މީހުންނަށް ސުވަރުގެއެއް ގޮތަށް މި ސަރަހައްދު ބަދަލުވެގެންދާނެ ކަމެއް. އެމީހުންގެ ކަންކަން ރޭވުމާއި، ޓްރެއިނިންތައް ރާވާ ހިންގުމުގެ އިތުރުން ހަމަލާ ދިނުމަށް ފަސޭހަވެގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ތާލިބާނުން ދެކުނު އޭޝިއާގެ ގައުމުތައް ހިފަން ބޭނުންވާކަމަށެވެ. އަދި ގައުމުތަކަަށް ހަމަލާ ދޭން ފަސް ނުޖެހޭނެކަމަށެވެ.
"ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އަދި ކޮންމެ ގައުމެއް ނަމަވެސް އެމީހުން [ތާލިބާނުން] ބޭނުންވަނީ ހަމަލާ ދޭން. އެމީހުންނަށް މިހާރު އޮންނާނެ މިނިވަންކަމާއެކު އެކަން ކުރުމަށް ފުރުސަތެއް. ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް މިއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން ދިޔުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށެވެ. އަދި ހަރުކަށި ފިކުރުތަކުގެ ޖަމާއަތްތަކުން ތާލިބާނުންނަށް މަރުހަބާ ކިޔާ އެމީހުންގެ މަސައްކަތްތައް ފަހިކުރުމަށް އިތުރަށް މަސައްކަތްކުރާނެކަމަށެވެ. ނަޝީދު އިތުރަށް ވިދާޅުވީ މިއީ އިންޑިއާއިން އަފްގާނިސްތާނުގެ މައްސަލައިގައި އިތުރަށް މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.
"ކޮންމެ ފަހަރަކު އަސްކަރީން ފޮނުވައިގެން ނޫނަސް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭނެ. އެހެންނަމަވެސް އެ ހާލަތަށް ދިޔުމުން އެކަން ކުރުމަކީވެސް މަޖުބޫރުކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުހިންމުކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އަފްގާނިސްތާނުގެ މައްސަލައިގައި ރާއްޖެއިންވެސް އެ ގައުމުގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިންވެސް ތެދުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.