އެލައިޑް އިންޝުއަރަންސް ކުންފުނިން އިސްނަގައިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުނިތަކަށް ހާއްސަކޮށްގެން އިންޝުއަރeންސާއި ބެހޭ ވެބިނާ ސީރީޒެއް ފަށައިފިއެވެ.

"ރައްކާވެތިބިއްޔާ"ގެ ނަމުގައި ކުރިޔަށްގެންދާ މިސީރީޒްގެ ފުރަތަމަ ސެޝަން އިއްޔެ ކުރިޔަށްގެންގޮސްފައިވަނީ ފަޔާ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓާސް އޯލް ރިސްކް އިންޝުއަރެންސް މެދުވެރިކޮށް އާންމުންގެ މުދަލާއި ގެދޮރަށް ލިބިދޭ ރައްކާތެރިކަމުގެ މައްޗައް ބިނާކޮށެވެ.

އެގޮތުން މި ހިދުމަތްތަކުގައި ހިމެނޭ ކަވަރޭޖްތަކާއި ހިދުމަތް ހޯއްދެވޭނެ ގޮތުގެ މައުލޫމާތު ވަނީ ސެޝަން މެދުވެރިކޮށް ފޯރުކޮށްދީފައެވެ. މީގެ އިތުރުންވެސް މިފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތަކާއި ލިބުނު ގެއްލުން އަދި މިފަދަ ހާދިސާތައް މަދުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ފަރާތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ހިމަނައިގެން އިއްޔެ ކުރިޔަށްގެންދިޔަ މިސެޝަންގެެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އިންޝުއަރެންސް ތަޖުރިބާކާރުން ކަމުގައިވާ ޑެޕިއުޓީ އަންޑާރައިޓިން މެނޭޖަރ ހުސެއިން ރަޝީދު އާއި ސީނިއާ ސޭލްސް އެގްޒެކެޓިވް މުހައްމަދު ހައްސާނު އަދި އެމްއެންޑީއެފްގެ ފަޔާގެ މާލެ އޭރިއާ ސްޓާފް ސާޖެންޓް މުހައްމަދު ނިޔާޒު އެވެ.

ސެޝަން މޮޑަރޭޓް ކޮށްދެއްވާފައިވަނީ ސީނިއާ ސޭލްސް އެގްޒެކެޓިވް އައިމިނަތު އަލީ ހަބީބުއެވެ.

ވެބިނާ ސީރީޒްއާއި ބެހޭގޮތުން އެލައިޑުން ވިދާޅުވީ އިންޝުއަރަންސަކީ ދިރިއުޅުމުގައި މާލީ އެހީތެރިކަމަށް ބޭނުންވާ ގިނަ ހާލަތްތަކަށް އެކަށޭނެ ހިދުމަތަކަށް ވާއިރު، އެކި ގޮތްގޮތުން އާންމުންނާއި ހަމައަށް މިފަދަ ހިދުމަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތް ކުރައްވާ ކަމަށެވެ.

އެގޮތުން އަވަސް މުސްތަގުބަލެއްގައި އާންމުންނަށް ހުޅުވާލައިގެންވެސް ފުރުސަތުތަކެއް އިއުލާން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެލައިޑުން ވަނީ ހާމަކުރައްވާފައެވެ.