އިންޓަމިލާންގެ ހޮލެންޑް މިޑްފީލްޑަރު ވެސްލޭ ސްނައިޑާ ހޯދުމަށް ރަޝިޔާގެ ޒެނިތް ސެންޓް ޕީޓާސްބާގް އިން ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް ސްނައިޑާ ބުނެފި އެވެ.

ޒެނިތް އިން ސްނައިޑާ ހޯދުމުގެ މަސައްކަތް ފެށިކަން އެކުލަބުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ވެސް މިމަހު ކުރީކޮޅު ޔަގީންކޮށްދީފައި ވެއެވެ. އަދި ދެފަރާތުން ވާހަކަދެއްކެމުންދާ ކަން ވެސް އޭރު ސްޕަލެޓީ ހާމަކޮށްފައި ވެއެވެ.

"ޒެނިތް އިން އަހަރެންގެ ސޮއި ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރި. އެމީހުން ހުށަހެޅި ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ނެތް. މިއީ އިންޓަ އިން ވަކިވާން އެންމެ ރަނގަޅު ވަގުތެއް ނޫން. އެހެންވެ އަހަރެން އެ ހުށަހެޅުން ދޫކޮށްލީ." ސްނައިޑާ ބުންޏެވެ.

މިސީޒަނުގައި ސްނައިޑާ ގެންދިއުމަށް ކުރިން އެންމެ ބޮޑަށް މަސައްކަތް ކުރީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަމަވެސް އެކުލަބުން ހުށަހެޅި ހުށަހެޅުންތައް ވެސް ސްނައިޑާ ދޫކޮށްލާފައި ވެއެވެ. ޒެނތްގެ އިތުރުން ރަޝިޔާގެ އަންޒީ އިން ވެސް ސްނައިޑާ ގެންދިއުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ރެއާލް މެޑްރިޑަށް ކުޅުމަށްފަހު 2009 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވި ސްނެއިޑާ ވަނީ އެކުލަބުގެ މެދުތެރެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ. އެގޮތުން 2009-10 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގު އިންޓަމިލާނަށް ކާމިޔާބުކޮށް ދިނުމުގައި ސްނެއިޑާ ބޮޑު ދައުރެއް އަދާކޮށްދީފައި ވެއެވެ.