19 Aug 2021, 11:23
ތ. ވިލުފުށީގައި އިމާރަތްކުރަން ފަށާފައިވާ ހައުސިން ޔުނިޓުގެ ދެ މަޝްރޫއެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 64 ހައުސިން ޔުނިޓުގެ މަސައްކަތާއި، ޑިޒައިން ބިލްޑް އުސޫލުން އަލަށް އިމާރަތްކުރާ 36 ހައުސިން ޔުނިޓުގެ މަސައްކަތެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މިއަދު މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަައެވެ.
އެ ކޮންޓްރެކްޓްގައި މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމްއެވެ. އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ނޫމަޑި ކުންފުނިން 2011 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެއްކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 2016 ވަނަ އަހަރު އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އެ މަޝްރޫއުގެ ދަށުން 199 ހައުސިން ޔުނިޓު އިމާރާތް ކުރަން ހަމަޖެހިފައިވާއިރު މަސައްކަތް ހަ އަހަރު ފަހުން ހުއްޓުނު އިރު ފެށިފައިވަނީ 64 ހައުސިން ޔުނިޓުގެ މަސައްކަތެވެ.
މިއަދު ސޮއި ކުރި ކޮންޓްރެކްޓްގެ ދަށުން 46 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށްވަނީ އެއްބަސްވެފައެވެ. އަދި އޭރު މަސައްކަތް ފަށާފައިނުވާ 34 ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެ މަޝްރޫއަކީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 82.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން 204 ދުވަހުގެ ތެރޭ ނިންމާގޮތަށް ހިންގާ މަޝްރޫއެކެވެ.