19 Aug 2021, 10:47
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެއިން 2015 ވަނަ އަހަރު ހަތިޔާރު ފެނުނު މައްސަލައާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުމެއްވާކަމަށް ބުނެ ނާޒިމް ދެއްކި ވާހަކަތައް އިދިކޮޅުން ދޮގުކޮށްފިއެވެ.
"ސަންގު ޓީވީ" ގެ ޕްރޮގުރާމެއްގައި ވާހަކަދައްވަމުން ނާޒިމް ވަނީ ފިސްތޯލަ ފެނުނު މައްސަލައަކީ ބަޔަކު އޭނާ ފްރޭމް ކޮށް، ސިޔާސީ ހަޔާތް ހަލާކުކޮށްލަން ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ރައީސް އަބްދުﷲ ޔާމީން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ހަމައެހެންމެ ގަވާއިދުގައި އޮންނަ ގޮތުން ނަމަ، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ސޮޔާއެކު ހަތިޔާރު ލިބޭނެ ކަމަށާއި، އެހެންކަމުން ބޭނުން އިރަކު ބޭނުން އެއްޗެއް ގެންދެވޭނެ ކަަމަށެވެ. އެހެންކަމުން އެތަކެތި ބާލީހެއް ދަށަށް ލައިގެން އޮންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ކަބަޑެއްގައި ފިސްތޯލައަކާއި ގޮވާތަކެތި ހުންނާނެކަން އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަަމަށް ނާޒިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމު، ހަތިޔާރު ގެންގުޅުނު މައްސަލައާއި ރައީސް ޔާމީނާ ގުޅުވައި "ސަންގު ޓީވީ" ގައި އޭނާ ދައްކަވާފައިވާ ވާހަކަތައް ދޮގުކޮށް، އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށްވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއްކަމަށް ވިދާޅުވިނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުންކަމުގައި ދަންނަވަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ނާޒިމް، ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެެ.
"އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށްވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ސަންގު ޓީވީ" ގެ ޕްރޮގުރާމުގައި ވާހަަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެއީ ބަޔަކު ރާވައިގެން އެތަނަށް ލާފައިވާ ހަތިޔާރު ކަމަށާއި، އެ މައްސަލަ ތަހުގީގުކޮށް، އިންސާފު ހޯދައިދިނުމަށް މިއަދުވެސް ކޮމިޝަނުގައި އެދެމުންދާ ކަމަށެވެ.
"އެކަމަކީ ހަމަ ކަނޑައެޅިގެން އަޅުގަނޑު ފްރޭމް ކުރުމަށްޓަކައި ބަޔަކު ރާވައިގެން ހިންގި ކަމެއް. މިކަމުގައި އަޅުގަނޑު ހަމަ ދަންނަވާނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ [ޔާމީން އަބްދުލްގައްޔޫމް] އާއި އޭރުގެ ޕޮލިސް ކޮމިޝަނަރާއި އޭރުގެ ޓޫރިޒަމް މިނިސްޓަރަށް އެނގިވަޑައިގެން އެބޭފުޅުންގެ ރޭވުމެއްގެ މަތިން ކުރެވިފަ އޮތް ކަމެއް ކަމަށް އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވަން ޖެހެނީ،" ނާޒިމް ވިދާޅުވިއެވެ.
ސަބަބަކީ ޑިފެންސް މިނިސްޓަރުގެ ގެއަށް ރައީސުލްޖުމްހޫރިއްޔާއާއި، ޕޮލިސް ކޮމިޝަނަރަށް ނޭނގި ނުވަދެވޭނެތީކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން އެއްބަސް ނުވި ކަމުގައިވީ ނަމަވެސް، އެ ކަމަކީ އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަަމަށް ނާޒިމް ވިދާޅުވިއެވެ.