ދީން ހިމާޔަތްކުރުމުގައި އިހުމާލުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް ނުކުންނަން ފަސް ނުޖެހޭނެ: އިމްރާން
ދީން ހިމާޔަތްކުރުމުގައި އިހުމާލުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް ނުކުންނަން ފަސް ނުޖެހޭނެ: އިމްރާން

އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކޮށްދިނުމުގައި އިހުމާލު ވެއްޖެ ނަމަ، ކޯލިޝަން ރޫޅާލައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ފަސް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ، އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން ކަމާއި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދެއްވާހާ ހިނދަކު އެމަނިކުފާނާ އެންމެ އިންޗިއެއްވެސް ދުރުވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާ މިނިވަން ކަމަށް ރައްކާތެރިވެ ހުރެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާ ކޮށްދޭހާ ހިނދަކު އެމަނިކުފާނާ އަދާލަތު ޕާޓީ އާ އިންޗިއެއް ވެސް ދުރުވެގެން ނުދާނެ. ނަމަވެސް، މިދެންނެވި އަސާސް ތަކުން ފަހަތަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލައި ދެކޮޅަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީ ފަހަރެއްގަވެސް ފަހަކަށް ނުޖެހޭނަން. މިއީ އަޅުގަނޑުމެންގެ ނިންމުން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަކީ ރާއްޖޭގައި ތިން ވަނައަށް އުފެދުނު ސިޔާސީ ޕާޓީ ކަމަށްވާއިރު، މިދިޔަ 16 އަހަރު ތެރޭގައި އެ ޕާޓީން ވަނީ އެހެން ސިޔާސީ ޕާޓީ ތަކަށް ލާމަސީލު ނަމޫނާ ދައްކާފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިސްލާމް ދީން މަތިވެރި ކުރުމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމުގެ އިތުރުން ޝަރަފާ އިއްޒަތް ރައްކާތެރި ކުރުމަށް ވަރަށް ބޮޑެތި ގުރުބާނީ ތަކެއް އަދާލަތު ޕާޓީން އަދާކޮށްދީފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި ނިންމަން ޖެހުނު ކޮންމެ ނިންމުމެއްވެސް އަދާލަތު ޕާޓީން ވަރަށް ސާބިތު ކަމާއެކު ނިންމާފައިވާނެ ކަމަށެވެ.

"އިސްލާމް ދީނަށް ލޮޅުން އަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރިމަތި ކުރާހިނދު މި ޕާޓީގެ މެމްބަރުން ދެއަތް އުރާލައިގެން ބަލަން ނުތިބޭނަން،" އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭއްވުނު އިންތިޚާބު ތަކުގައި އަދާލަތު ޕާޓީގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ފެހި ގާނޫނު އަސާސީއަށް ފަހު ރާއްޖޭގައި ބޭއްވި ހުރިހާ އިންތިޚާބު ތަކުގައިވެސް ރައްޔިތުން އެދޭގޮތަށް އެ އިންތިޚާބުގެ ނަތީޖާ ނެރުމަށްޓަކައި އެ ޕަޓީން މުހިއްމު ނިންމުން ތަކެއް ނިންމާފައި ވާނެ ކަމަށެވެ.

"މިއަދުގެ މި ސަރުކާރުގަ އަދާލަތު ޕާޓީއަކީ ސަރުކާރަށް ވަރަށް މުހިއްމު ޕާޓީއެއް. ވަރަށް މުހިއްމު ބައިވެރިއެއް،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އުމުރުން 16 އަހަރު ފުރިގެން ދިޔައިރު ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕާޓީގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި އެތެރޭގައި މަސައްކަތް ކުރާނެ ކޮމެޓީ ތަކެއްވެސް މިހާރު އެކުލަވާލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޒާމާނީ ޑިމޮކްރެޓިކް ވެއްޓެއްގެ ތެރެއިން ތަރައްގީ ވަމުން އަންނަ ގައުމެއްގައި އިންސާނީ ކަރާމަތަށް އިހްތިރާމް ކުރުމާއެކު ރައްޔިތުންނަށް ޚިދުމަތް ދޭ ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ ބައްޓަން ކުރުމަށްޓަކައި ގެންނަން ޖެހޭ ހުރިހާ ބަދަލެއް ގެންނަމުން ދާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.