ސްކޫލް ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތުން ހުއްޓުވުމަށްޓަކައި ކުރިއަށްގެންދާނެ ޕްރޮޖެކްޓަކާ ބެހޭ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ސޮއިކޮށްފިއެވެ.

"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް"ގެ ނަމުގައި ކުރިއަށްގެންދާނެ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް އެކުދިންނަށް ދަސްކޮށްދިނުމާއި ހަރުކަށިވިސްނުން އަށަގަތުން ހުއްޓުވުމަށްޓަކައި އެކުދިންގެ ކިބައިގައި ދީނަށް ލޯބިޖެއްސުން ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން އެކުދިންނަށް، އެހެންމީހުންނަށް އިހުތިރާމު ކުރުމަށާއި ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދެވޭނެއެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ދަރިވަރުން ދެނެގަތުމަށް، ރިސްކް އެސެސްމަންޓް ހަދަން ބޭނުން ކުރާނެ އާލާތެއް ތައްޔާރުކުރުމާއި ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުމާއި ސުލްހައަށް ލޯބިކުރަން ދަރިވަރުންނަށް ދަސްކޮށްދިނުން ހިމެނެއެވެ.

އެ ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.